02 ޖުލައި 2019 - 07:09

މިދިޔަ މަހު ރިލީޒް ކުރި ސަލްމާމް ހާންގެ "ބާރަތު" ގެ ޑައިރެކްޓަރު އަލީ އައްބާސް ފިލްމެއް ޕްރޮޑިއުސް ކުރަން ނިންމައި، އެ ފިލްމު ޒުވާން އެކްޓަރު އިޝާން ޚައްތަރަށް ހުށަހަޅައިފި އެވެ.
މިދިޔަ އަހަރު ފިލްމު "ދަޅަކް" އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި އިޝާނަކީ އެކްޓަރު ޝާހިދު ކަޕޫރްގެ ކޮއްކޮ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އިޝާނަށް އަލީ ހުށަހެޅި ފިލްމަކީ ލޯބީގެ ވާހަކައަކަށް ހަދާ ފިލްމެކެވެ. އަދި މި މަހުގެ ތެރޭގައި ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބެލެވޭ އިރު، އެ ފިލްމަށް ބަތަލާއަކު ހޯދަމުން އަންނަ ކަމަށް އެ ނޫހުން ބުންޏެވެ. އަދި އިޝާނާ އެކު ފިލްމުން ފެނުމުގެ ފުރުސަތު ބޮޑީ އަލަށް ތައާރަފުކުރާ ބަތަލާއެއް ކަމަށް ވެސް ބުންޏެވެ.
"ދަޅަކް" ގެ ކުރިން މިދިޔަ އަހަރު އިޝާން ފެނިގެން ދިޔަ ފުރަތަމަ ފިލްމަކީ އިރާންގެ ޑައިރެކްޓަރު މާޖިދު މާޖިދީ ގެނެސް ދިން "ބިޔޯންޑް ކްލައުޑްސް" އެވެ. މި ދެ ފިލްމެއް ފަހު، އިޝާން ދެން ކުޅޭނެ ފިލްމެއް ރަސްމީކޮށް އަދި އިއުލާންކޮށްފައެއް ނެތެވެ.
އެކަމަކު ލިޔުންތެރިޔާ ސަލްމާން ރުޝްދީގެ ވާހަކަ "ދަ މިޑްނައިޓްސް ޗިލްޑްރެން" އަށް ބިނާކޮށް ނެޓްފްލިކްސް އަށް ޑައިރެކްޓަރު ވިޝާލް ބަރަދުވާޖް ހަދަން ނިންމާފައި އޮތް ވެބް ސީރީޒަށް އިޝާން މިދިޔަ އަހަރު ސޮއިކުރި އެވެ.
ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އޭނާ މިހާރު ވަނީ އެ ޕްރޮޖެކްޓް ދޫކޮށްލައިފަ އެވެ.
ހަންގާމާ އިން ބުނި ގޮތުގައި އަލީ ޕްރޮޑިއުސް ކުރާ ފިލްމުގެ އިތުރުން ވެސް އެހެން ފިލްމަކަށް އިޝާން، 23، ސޮއިކޮށްފައިވެ އެވެ. އެކަމަކު އޭގެ ތަފުސީލެއް ހިއްސައެއް ނުކުރެ އެވެ.
މިދިޔަ ހަފުތާގައި ފިލްމީ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި އިޝާންގެ ބޭބެ ޝާހިދު 2003 ގައި ބޮލީވުޑަށް ތައާރަފުވި ފިލްމު "އިޝްގް ވިޝްގް" ގެ ދެވަނަ ބައެއް ހަދަން ތައްޔާރުވަމުން އަންނަ އިރު، އެ ފިލްމުގެ ބަތަލުގެ ރޯލް ވެސް ވަނީ އިޝާނަށް ހުށަހަޅައިފަ އެވެ. އެކަމަކު އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ.