01 ޖުލައި 2019 - 07:36

މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ފިލްމު "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު އަބިމަންޔޫ ދައްސާނީ، ޑައިރެކްޓަރު ސަބީރް ހާނާއެކު ތިން ފިލްމަކަށް އެއްބަސްވުން ހަދައިފި އެވެ.
ބޮލީވުޑްގެ ހަންގާމާ އިން ބުނި ގޮތުގައި ސަލްމާން ހާނާ އެކު 1989 ގެ "މޭނޭ ޕިޔާރު ކިޔާ" ކުޅުނު ބަތަލާ ބަގިޔާޝްރީގެ ދަރިފުޅަށް ސަބީރު ހުށަހެޅި ތިން ފިލްމަކީ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާގެ އާރްއެސްވީޕީން ޕްރޮޑިއުސްކުރާ ތިން ފިލްމެވެ. އަބިމަންޔޫގެ އަލަތު ފިލްމަކީ ވެސް ރޯނީ ޕްރޮޑިއުސް ކުރި ފިލްމެކެވެ.
ހަންގާމާ އިން ބުނި ގޮތުގައި އުންމީދީ ޒުވާން އެކްޓަރަކަށް ސަބީރު ހުށަހެޅި ތިން ފިލްމުގެ ތެރެއިން ދެ ފިލްމަކީ އެކްޝަން ފިލްމުތަކެވެ. އަދި މީގެ ތެރެއިން ހަދާ ފުރަތަމަ ފިލްމު މާ ލަހެއް ނުކޮށް ރަސްމީކޮށް އިއުލާން ކުރާނެ އެވެ.
ސަބީރަކީ މިހާރު ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ ޓައިގާ ޝްރޮފާއި ކްރިތީ ސެނަން 2013 ގައި ފިލްމު "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފުކޮށް ދިން ޑައިރެކްޓަރެވެ. އޭނާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ ޓައިގާ އާއި ނިދީ އަގަރްވާލު 2017 ގައި ކުޅުނު "މުންނާ މައިކަލް" އެވެ.
ސަބީރު ތިން ފިލްމެއްގެ ޑީލް އަބިމަންޔޫއާ އެކު ހެދި އިރު "މަރުދު ކޯ ދަރުދު ނެތީ ހޯތާ" އަކީ ބޮކްސް އޮފީހުގައި މާ ހިނގި ފިލްމެއް ނޫނެވެ. އެކަމަކު ބޮލީވުޑްގެ ފިލްމުތަކުގެ ސްޕޫފް އެކްޝަން ކޮމެޑީއެއްގެ ގޮތުގައި ގެނެސް ދިން އެ ފިލްމުގައި އޭނާ ދެއްކި އެކްޓިން އާއި އޭގެ ޑައިރެކްޓަރު ވަސަން ބާލާ ފިލްމަށް ކޮށްފައި ހުރި މަސައްކަތްތަކަށް ވަރަށް ގިނަ ކްރިޓިކުން ތައުރީފުކޮށްފައިވެ އެވެ.
"މަރުދު ކޯ ދަރުދު ނެހީ ހޯތާ" ރިލީޒް ކުރީ މާޗް 21 ގަ އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ 2 ކްރޯޑް ރުޕީސް (290,060 ޑޮލަރު) އެވެ.