މޫދުވިނަ ސަލާމަތް ކުރަން 30 ރިސޯޓަކުން އެއްބަސްވެއްޖެ
މޫދުވިނަ ސަލާމަތް ކުރަން 30 ރިސޯޓަކުން އެއްބަސްވެއްޖެ

މޫދުވިނަ ސަލާމަތް ކުރުމަށް ރާއްޖޭގެ 30 އަށްވުރެ ގިނަ ރިސޯޓުތަކުން އެއްބަސްވެފައިވާ ކަމަށް ބްލޫ މެރައިން ފައުންޑޭޝަނުން ބުނެފި އެވެ.

ބްލޫ މެރައިން ފައުންޑޭޝަނަކީ ރާއްޖޭގެ މޫދުވިނަ ހިމާޔަތް ކުރުމަށް "ޕްރޮޓެކްޓް މޯލްޑިވްސް ސީގްރާސް" ގެ ނަމުގައި ކެމްޕޭނެއް ކުރިއަށްގެންދާ ފައުންޑޭޝަނަކެވެ. މި ކެމްޕޭނަކީ ޓޫރިޒަމް މިނިސްޓްރީގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ ކެމްޕޭނެކެވެ.

ބްލޫ މެރައިން ފައުންޑޭޝަނުން ބުނާގޮތުގައި އެ ފައުންޑޭޝަނުން ކުރިއަށްގެންދާ މި ކެމްޕޭނަށް ރިސޯޓުތަކުގެ އާއި އަމިއްލަ މީހުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެގޮތުން މިހާތަނަށް އެ ފައުންޑޭޝަންގެ ވެބްސައިޓަށް 22،000 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވާއިރު 1،600 އަށްވުރެ ގިނަ މީހުން ވަނީ ކެމްޕޭނުގައި ރަޖިސްޓްރީ ކޮށްފަ އެވެ.

އެ ފައުންޑޭޝަންގެ އެގްޒަކެޓިވް ޑިރެކްޓަރު ޗާލްސް ކްލޯވާ ބުނީ މޫދުވިނަ ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތަށް ބައެއް ރިސޯޓުތަކުގެ އެއްބާރުލުން ލިބޭއިރު ގިނަ ރިސޯޓުތަކުގެ އެއްބާރުލުން ނުލިބޭ ކަމަށެވެ. ނަމަވެސް މޫދުވިނަ ނައްތާލުމަށް ރިސޯޓުތަކުން ކުރާ މަސައްކަތަށް ޓޫރިޒަމް މިނިސްޓްރީގެ އެއްބާރުލުމާއެކު ހައްލެއް ގެނެވޭނެ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ކަންތައްތަކުން ރާއްޖޭގެ ރަށްތައް ސަލާމަތް ކުރުމަށް މޫދުވިނައަކީ މުހިންމު އެއްޗެއްކަން ވެސް ކްލޯވާ ވަނީ ފާހަގަކޮށްފަ އެވެ.

މޫދުވިނައަކީ ރަށްގިރުން ފަދަ ކަންތައްތަކުން ރަށްތައް ސަލާމަތް ކޮށްދޭ އެއްޗެކެވެ.