"ބްރެޒިލަށް 2018 ގެ ވޯލްޑް ކަޕް ކާމިޔާބުކުރެވޭނެ"
"ބްރެޒިލަށް 2018 ގެ ވޯލްޑް ކަޕް ކާމިޔާބުކުރެވޭނެ"

މިއުނިކް (ސެޕްޓެމްބަރު 8) - ބްރެޒިލްގެ އާ ކޯޗު ޓީޓޭއާ މެދު ހިތްހަމަޖެހޭ ކަމަށާއި އެ ޓީމަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރެވޭނެ ކަމަށް ބްރެޒިލްގެ ވިންގާ ޑަގްލަސް ކޯސްޓާ ބުނެފި އެވެ.

ބްރެޒިލަށް 2002 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕް ކާމިޔާބުކުރެވިފައިނުވާއިރު، އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުން ކެޓީ ސެމީ ފައިނަލުން 7-1 އިން ޖަރުމަން އަތުން ބަލިވެގެންނެވެ. އެކަމަކު މި ފަހަރުގެ އޮލިމްޕިކްސްގެ ރަން މެޑަލް ހޯދުމާ އެކު ބްރެޒިލްގެ އުއްމީދުތައް ވަނީ މަތިވެފަ އެވެ.

"ބްރެޒިލާ އެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރެވޭނެ. އެ ފެންވަރު ޓީމުގައި އެބަހުރި. ނޭމާ އާއި ފިލިއްޕޭ ކޮޓީނިއޯ ފަދަ ހުނަރުވެރިން އެބަތިބި. އާ ކޯޗާ މެދު ވެސް ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" ކޯސްޓާ ބުންޏެވެ.

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅޭ ކޯސްޓާ ބުނީ ޓީމެއްގެ ގޮތުގައި ކުޅެފި ނަމަ ބްރެޒިލް ވެގެންދާނީ ފޭވަރިޓުންނަށް ކަމަށެވެ. ދުނިޔޭގެ އެންމެ ހުނަރުވެރި އެއް ވިންގާގެ ކްލަބް ކެރިއަރާ މެދު ވެސް ނޫސްވެރިން ވަނީ ސުވާލުކޮށްފަ އެވެ. އޭނާ ބުނީ ބަޔާން ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"ބަޔާން ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް ނެތް. ފުރަތަމަ ސީޒަނުގައި ރަނގަޅަށް ކުޅެވުނު. ތަށި ހޯދިއިރު އެހީތެރިކަން ފޯރުކޮށްދިނިން،" ކޯސްޓާ ބުންޏެވެ.