ޕްލާސްޓިކް ކޮތަޅަކަށްލާފައި އޮތް ކުއްޖާ ބަލައިދޭން އެތައް ބަޔަކު ހުށަހަޅައިފި
ޕްލާސްޓިކް ކޮތަޅަކަށްލާފައި އޮތް ކުއްޖާ ބަލައިދޭން އެތައް ބަޔަކު ހުށަހަޅައިފި

ޖޯޖިއާ (ޖޫން 29) - ވިހާފައި ޕްލާސްޓިކް ކޮތަޅަކަށްލާފައި އެމެރިކާގައި އެއްލާލާފައި އޮއްވާ ފެނުނު ތުއްތު އަންހެން ކުއްޖާ ބަލައިދޭން އެތައް ބަޔަކު ހުށަހަޅަން ފަށައިފި އެވެ.

ނަމަކަށް އިންޑިއާގެ ނަންދީފައިވާ ކުއްޖާ ޖޯޖިއާ އިން ފެނުނީ މި މަހު 6 ވަނަ ދުވަހު އެވެ. ކުއްޖާ އެއްލާލާފައިވާ ސަރަހައްދުގެ މީހުންނަށް އެކަން އެނގުނީ އެ ކުއްޖާ ރޯ އަޑު އިވިގެންނެވެ. އެ މީހުން ވަނީ އެ ކުއްޖާ ފުލުހުންނާ ހަވާލުކޮށްފަ އެވެ. ކުއްޖާ ފެނުނު އިރު އޮތީ ފޫޅުދަނޑިއާ ވެސް އެކުގަ އެވެ.

ފުލުހުން ވަނީ ކުޑަ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ޑޮކްޓަރުން ބެލުމަށް ފަހު ވަނީ އެ ކުއްޖާ އަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބުނެފަ އެވެ. ޗައިލްޑް ސާވިސްގެ ބެލުމުގެ ދަށުގައި މިހާރު އޮތް ކުއްޖާގެ ހާލު ރަނގަޅެވެ. އެ ކުއްޖާ ގެންގުޅޭނެ ދާއިމީ ފަރާތެއް ލިބެންދެން އެ ކުއްޖާ އޮންނާނީ ޗައިލްޑް ސާވިސްގެ ބެލުމުގެ ދަށުގަ އެވެ. ފުލުހުން ދަނީ އެ ކުއްޖާގެ މަންމަ އާއި ތިމާގެ މީހުން ފެނޭތޯ މަސައްކަތް ކުރަމުންނެވެ.

ޖޯޖިއާގެ ޑިވިޝަން އޮފް ފެމިލީ އެންޑް ޗިލްރަން ސާވިސް އިން ބުނެފައި ވަނީ ކުއްޖާ އެޑޮޕްކުރަން އެދި އެތައް ބަޔަކު ހުށަހަޅާފައިވާ ކަމަށެވެ. އެމެރިކާ އިން ބޭރުން ވެސް ދަނީ އެ ކުއްޖާ ބަލައިދޭން ހުށަހަޅަމުންނެވެ.