30 ޖޫން 2019 - 07:33

ވެންޑިން މެޝިންގެ ހިދުމަތް އެންމެ ފުޅާކޮށް ދެމުން އަންނަނީ އެކި ކަހަލަ ބުއިންތަކާއި ޗޮކްލެޓް ކަހަލަ އެއްޗެހި ވިއްކުމަށެވެ. ނަމަވެސް އެއަށް ވުރެ ފުޅާކޮށް ވެންޑިން މެޝިނުގެ ހިދުމަތް މިހާރު އަންނަނީ އިތުރުވަމުންނެވެ.
މެދުއިރުމަތީގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ ޔޫއޭއީގައި މިހާރު ވަނީ މޮބައިލް ފޯނު ގަނެވޭ ވެންޑިން މެޝިންގެ ހިދުމަތް ތައާރަފުކޮށްފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ތައާރަފު ކުރި މި ހިދުމަތަކީ 24 ގަޑިއިރު ލިބޭނެ ހިދުމަތަކެވެ.
ޔޫއޭއީ އަށް ފޯނު ވެންޑިން މެޝިން ތައާރަފު ކުރީ އެ ގައުމުގެ މުވާސަލާތީ ކުންފުނި އިއްތިސަލާތާއި އަބޫ ދާބީ ނެޝަނަލް އޮއިލް ކޮމްޕެނީ ފޮ ޑިސްޓްރިބިއުޝަން (އޭޑީއެންއޯސީ) އާ ގުޅިންގެންނެވެ.
ފޯން ކުންފުނިން ބުނި ގޮތުގައި ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި މިހާރު އެ މީހަކު ބޭނުން ވައްތަރެއްގެ ފޯނު ވެންޑިން މެޝިނުން ގަނެވޭނެ އެވެ. އަދި ނަގުދު ފައިސާ އާއި ކާޑުން ވެސް މުއާމަލާތް ކުރެވޭނެ ކަމަށް ބުންޏެވެ.
ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފެށި ހިދުމަތުގެ ދަށުން ޔޫއޭއީގައި ބެހެއްޓި ފުރަތަމަ ފޯނު ފެންޑިން މެޝިން ބަހައްޓާފައި ވަނީ އަބޫ ދާބީ ކޯނީޝް ރޯޑްގައި ހުންނަ އޭޑީއެންއޯސީ ޑިސްޓްރިބިއުޝަން ސާވިސް ސްޓޭޝަންގަ އެވެ.
"އަހަރެމެން ވަރަށް އުފާ ކުރަން އޭޑީއެންއޯސީއާ ގުޅިގެން ފޯނު ވެންޑިން މެޝިންގެ ހިދުމަތް މުޅިން އަލަށް ޔޫއޭއީގައި ތައާރަފުވެގެން ދިޔައިމަ. އަދި މީގެ ތަޖުރިބާ އަށް ބަލާފައި ކުރިއަށް އޮތް ތަނުގައި ގައުމުގެ އެކި ސަރަހައްދުތަކަށް ހިދުމަތް ފުޅާ ވެސް ކުރެވިގެން ދާނެ،" އިއްތިސަލާތުގެ ޖެނެރެލް މެނޭޖަރު ސުލްތާން މުހައްމަދު އަލް ދަހޭރީ ވިދާޅުވި އެވެ. "އެޓިސަލަޓަކީ އަބަދު ވެސް ތަފާތު އަދި އިނޮވޭޓިވް ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށް ދޭން މަސައްކަތް ކުރާ ކުންފުންޏެއް."