"މެންޓަލް ހޭ ކިޔާ" ގެ ނަން "ޖަޖްމެންޓަލް ހޭ ކިޔާ" އަށް ބަދަލުކޮށްފި
"މެންޓަލް ހޭ ކިޔާ" ގެ ނަން "ޖަޖްމެންޓަލް ހޭ ކިޔާ" އަށް ބަދަލުކޮށްފި

އަންނަ މަހު ރިލީޒްކުރާ، އެކްތާ ކަޕޫރްގެ ފިލްމު "މެންޓަލް ހޭ ކިޔާ" ގެ ނަން ބަދަލުކޮށްދޭން، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބައެއް ޑޮކްޓަރުންނާއި އިންޑިއަން ސައިކޭޓްރިކް ސޮސައިޓީ (އައިޕީއެސް) އިން ގޮވާލާފައި ވަނިކޮށް، ފިލްމު ނަން ބަދަލުކޮށްފި ކަމުގެ އިޝާރާތެއް އެކްތާ އާއި ބަތަލާ ކަންގަނާ ވެސް ދީފި އެވެ.

މިކަމާ ބެހޭ ގޮތުން ކަންގަނާ ބުނީ އައިޕީއެސްއާ ބައްދަލުކޮށް އެ މީހުންގެ ކަންބޮޑުވުންތައް އަޑު އަހާފައިވާ ކަމަށާއި ފިލްމުގެ ނަން ބަދަލުކުރަން ޓީމުން މިހާރު ތައްޔާރަށް އޮތް ކަމަށެވެ. "މެންޓަލް ހޭ ކިޔާ" ގެ ޕްލޮޓާ "މެންޓަލް" ވަރަށް ބޮޑަށް ގުޅޭތީ އެ ނަން ކޮންމެވެސް ގޮތަކަށް ފިލްމުގެ ނަމަކަށް ބޭނުން ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެގޮތުން ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަންގަނާ އާއި ރާޖްކުމާރު ރާއޯ ލީޑް ރޯލް ކުޅެފައިވާ ފިލްމުގެ ނަން "މެންޓަލް ހޭ ކިޔާ" އިން "ޖަޖްމެންޓަލް ހޭ ކިޔާ" އަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ،

މިކަން ޕްރޮޑިއުސަރު އެކްތާ ސީދާ އަދި ކަށަވަރުކޮށް ނުދިން ނަމަވެސް، ނަން ބަދަލު ކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުން ގެނެސް ދިން ހަބަރުތަކުގެ ލިންކްތައް އޭނާ ވަނީ ރިޓްވީޓްކޮށްފަ އެެވެ. އެހެންވެ މިއީ ފިލްމުގެ ނަން ބަދަލު ކުރިކަން ޔަގީންވާ ކަމެއް ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ.

އައިޕީއެސް އިން ބުނެފައިވާ ގޮތުގައި ފިލްމެއްގެ ނަމަކަށް "މެންޓަލް ހޭ ކިޔާ" ނުވަތަ "ތިއީ މޮޔައެއް ހެއްޔޭ" ކިޔުމަކީ ނަފުސާނީ މައްސަލަތަކަށް ދޭ ސަމާލުކަމާއި ނަފުސާނީ މައްސަލަތަކަކީ އެހާ ސީރިއަސްކޮށް ނަގަން ޖެހޭ ކަމެއް ނޫން ކަމަށް ދޭހަވާ ކަމެކެވެ. އަދި އެ ކަހަލަ ނަމަކުން ނަފުސާނީ މައްސަލަތައް ހުންނަ މީހުންނަށް ކުޑައިމީސް ކުރެވޭ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް އެކަމަށް ރައްދު ދެމުން ފިލްމުގެ ޓީމުން ކުރިން ބުނެފައި ވަނީ ފިލްމަކީ ނަފުސާނީ މައްސަލަތަކަށް މީހުން ހޭލުންތެރިކަން އުފައްދައި ދޭނެ ކަހަލަ ގޮތަކަށް ހަދާފައިވާ ފިލްމެއް ކަމަށާއި ބަޔަކަށް އިހުތިރާމު ކުޑަވާ ގޮތަކަށް ފިލްމުގެ ޕްރެޒެންޓް ނުކޮށްދޭ ކަމަށެވެ.

އަންނަ މަހުގެ 26 ގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމުގެ ޓްރެއިލާ ވެސް ރިލީޒް ނުކުރެވި ލަސްވެގެން ދިޔައީ ނަމުގެ މައްސަލާގައި ގޮތެއް ނުނިންމިގެންނެވެ. ކުރިން އޮތީ މި މަހުގެ މެދުތެރޭގައި ޓްރެއިލާ ނެރޭށެވެ.

ކަނިކާ ދިލަންގެ ސްކްރީންޕްލޭއަކަށް، ޕްރަކާޝް ކޮވެލަމުޑީ ޑައިރެކްޓްކޮށްފައިވާ "މެންޓަލް ހޭ ކިޔާ" އަކީ އިރޮޓިކް ބްލެކް ކޮމެޑީއެކެވެ.