ރާނީ މުކަރްޖީގެ "ހިޗްކީ" އިޓަލީގެ ފިލްމު ފެސްޓިވަލަކަށް
ރާނީ މުކަރްޖީގެ "ހިޗްކީ" އިޓަލީގެ ފިލްމު ފެސްޓިވަލަކަށް

ރިލީޒް ކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީގެ އެންމެ ފަހުގެ ފިލްމު "ހިޗްކީ" އަނެއްކާ ވެސް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލެއްގައި ޕްރިމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސް ދިން މި ފިލްމު މި ފަހަރު ޕްރިމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހު އިޓަލީގައި ފަށާ 49 ވަނަ ޖިފޯނީ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލްގަ އެވެ.

ޖުމްލަ 101 އުފެއްދުމެއް ވާދަކުރާ އެ ފެސްޓިވަލް ކުރިއަށް ދާނީ ޖުލައި 19-27 އަށެވެ.

"ހިޗްކީ" ގެ ޕްރޮޑިއުސަރު މަނީޝް ޝަރުމާ ބުނީ "ހިޗްކީ" އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، ފިލްމަކީ ވަރަށް ވެސް ގިނަ ބަޔަކާ ގުޅޭ ކަހަލަ ވާހަކައެއް ކިޔައިދޭ ފިލްމެއް ކަމަށެވެ. އަދި ފިލްމު ގިނަ ބަޔަކަށް އެހާ ކަމުދިޔަ ސަބަބަކީ ވެސް ފިލްމުގެ ވާހަކަ ހާއްސަވުން ކަމަށް ބުންޏެވެ.

މަނީޝް ބުނި އިޓަލީގެ ފެސްޓިވަލެއްގައި ފިލްމު ދައްކަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ފިލްމު ދޭން މެސެޖް އަނެއްކާ ވެސް ގިނަ ބަޔަކަށް ފޯރާނެ ކަމަށެވެ.

ސިދާތު ޕީ މަލްއުތުރާ ޑައިރެކްޓް ކުރި "ހިޗްކީ" ގައި ކިޔައި ދެނީ އުކުޑިކޮއްޓާ މައްސަލަ ހުންނަ އަންހެން ޓީޗަރަކަށް ދިމާވާ ހާދިސާތަކެކެވެ. ފިލްމުގައި ރާނީ ކުޅުނު ޓީޗަރުގެ ކެރެކްޓާ އިން މޮޅު އެކްޓިންއެއް ވެސް ދައްކުވައި ދީފައިވެ އެވެ. "ހިޗްކީ" އަކީ ބްރެޑް ކޯއެންގެ އޮޓޮބައޮގްރަފީ "ފްރޮންޓް އޮފް ދަ ކްލާސް: ހައު ޓޮރެޓް ސިންޑްރޯމް މޭޑް މީ ދަ ޓީޗާ އައި ނެވަ ހޭޑް" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމު މިދިޔަ އަހަރު ޗައިނާގައި ބޭއްވި 21 ވަނަ ޝަންހާއީ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (އެސްއައިއެފްއެފް) ގައި ވެސް ޕްރިމިއާކޮށްގެން ބޮޑު ތަރުހީބެއް ލިބުނެވެ. އަދި މިދިޔަ އަހަރު އޮސްޓްރޭލިއާގައި ބޭއްވި އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފް) ގައި ވާދަކޮށްގެން ރާނީ އަށް އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ 23 ގައި ރިލީޒް ކުރި އަދި އެންމެ 1.7 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ހިޗްކީ" އަށް ބޮކްސް އޮފީހުގައި ޖުމްލަ 35.45 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. މި ފިލްމު މިދިޔަ އަހަރު ހޮންކޮންގް އާއި ޓައިވާން އަދި ރަޝިއާ ފަދަ ގައުމުތަކުގައި ވެސް ދައްކައިގެން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ރާނީ މިހާރު އަންނަނީ 2014 ގައި އޭނާ ކުޅުނު ކޮޕް ޑްރާމާ "މަރުދާނީ" ގެ ދެވަނަ ބައިގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.