ޔޫރަޕްގެ ސަސްޕެންޝަން ތަންފީޒުކުރަން މިލާނުން ނިންމައިފި
ޔޫރަޕްގެ ސަސްޕެންޝަން ތަންފީޒުކުރަން މިލާނުން ނިންމައިފި

ޒިއުރިކް، ސްވިޒަލެންޑް (ޖޫން 29) - ފައިނޭންޝިއަލް ފެއާޕްލޭ ގަވާއިދާ ހިލާފުވެފައިވާތީ ޔުއެފާ އިން ދީފައިވާ ސަސްޕެންޝަން ތަންފީޒުކުރުމުގެ ގޮތުން އެ އިދާރާއާ މަޝްވަރާކޮށް އޭސީ މިލާނުން އަންނަ ސީޒަނުގައި ޔުއެފާ ޔޫރޮޕާ ލީގުގައި ވާދަނުކުރަން ނިންމައިފި އެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ އިން އެކުލަވާލާފައިވާ އެފްއެފްޕީގައިވާ ގޮތުން ކްލަބެއްގެ ދަރަނި 40 އިންސައްތަ އަށް ވުރެ މަތީގައި އުޅޭނަމަ އެއް ޓްރާންސްފާ މާކެޓެއްގައި 160 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު ހަރަދެއް ނުކުރެވޭނެ އެވެ. ސިލްވިއޯ ބާލުސްކޯނީ 30 އަހަރަށް ފަހު މިލާން ވިއްކާލުމުން 2016 ވަނަ އަހަރު އެ ކްލަބް ގަތް ޗައިނާގެ އިންވެސްޓަރުން ވަނީ ކްލަބަށް 200 މިލިއަން ޕައުންޑް ހަރަދުކޮށްގެން ކުޅުންތެރިން ގަނެފަ އެވެ.

އެ މައްސަލަ ތަހުގީގުކޮށް މިދިޔަ އަހަރު ޖޫން މަހު ޔުއެފާ އިން އެއް އަހަރަށް މިލާން ޔޫރަޕްގެ ޔުއެފާ އިން ހިންގާ މުބާރާތްތަކުން ސަސްޕެންޑްކުރަން ނިންމާފައިވަނިކޮށް މިލާނުން ވަނީ އެ މައްސަަލަ ސްވިޒަލެންޑުގައި ހުންނަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅައިގެން ވަގުތީގޮތުން ލުޔެއް ހޯދައިފަ އެވެ. އިއްޔެ ސީއޭއެސް އާއި ޔުއެފާގެ އިއްތިފާގުން ނިންމީ މިދިޔަ ތިން ސީޒަނަށް ބަލާއިރު ވެސް މިލާން އެފްއެފްޕީގެ މިންގަނޑާ ހިލާފުވާ ގޮތަށް ހަރަދުކޮށްފައި އޮތުމުން އެ ޓީމަށް ދީފައިވާ ސަސްޕެންޝަން ދެމެހެއްޓުމަށެވެ.

ސީއޭއެސް އާއި މިލާން އަދި ޔުއެފާ އެއްބަސްވުމަށް އައީ އެ އަދަބު ތަންފީޒުކުރުން އަވަސްކޮށް އަންނަ ސީޒަނުގައި އެއަށް އަމަލުކުރުމަށެވެ. އެހެންވެ މިލާނުން ނިންމީ އަންނަ އަހަރު ޔޫރޮޕާ ލީގުގައި ނުކުޅޭށެވެ. އެއާ އެކު ކުރީގެ ހުރިހާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވެ، އަލުން ހަރަދުކުރަން ފުރުސަތު ލިބި އަދި ޓީމުގެ ހަރަދުތައް ހަމަޔަކަށް އަޅުވަން އިތުރު ފުރުސަތެއް ލިބޭނެ އެވެ.

މިދިޔަ އަހަރު އިޓާލިއަން ލީގުގެ ގަދަ ހަތަރަކަށް އަމާޒުހިފި މިލާން ސީޒަން ނިންމާލީ ފަސް ވަނައިގަ އެވެ. އެހެންވެ އެ ޓީމަށް ލިބުނީ އަންނަ އަހަރުގެ ޔޫރޮޕާ ލީގުގެ ޖާގައެކެވެ. މިލާނުން ޔޫރޮޕާ ލީގުގައި ކުޅެން ޖެހިފައި އޮއްވައި ޔޫރަޕްގެ އަދަބު ތަންފީޒުކުރަން ނިންމުމުން އަންނަ ސީޒަނުގައި އެ ޓީމުން ގަދަ ހަތަރަކަށް ވަންނަން ކުރާ މަސައްކަތަށް ފޯކަސް ކުރަން ފަސޭހަވާނެ އެވެ.

އެމެރިކާގެ އެލިއޮޓުން މިހާރު މިލާން ހިންގަމުން އަންނައިރު، ކްލަބުގެ ވިސްނުން މިހާތަނަށް ހުރީ ޒުވާން ކުޅުންތެރިންނާ އެކު ހަރަދުކުޑަ ޓީމެއް ބިނާކުރާށެވެ. އަދި ފައިސާ ހޯދުމަށްޓަކައި މުހިއްމު ބައެއް ކުޅުންތެރިން ވިއްކާލުމުގެ ފުރުސަތު ވެސް އޮތެވެ. އެކަމަކު މި އަދަބާ އެކު، އާ ފުރުސަތެއް ލިބުމުން ކްލަބުގެ އެ ވިސްނުން ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ ދޮޅު އަހަރު މިލާނަށް ކޯޗުކޮށްދިން ކުރީގެ ކުޅުންތެރިޔާ ޖެނާރޫ ގަޓޫސޯގެ ކޮންޓްރެކްޓް ދެ ފަރާތް އެއްބަސްވެގެން އުވާލުމުން އެ ޓީމަށް ގެނެސްފައިވަނީ ސަމްޕްޑޯރިއާގެ ކުރީގެ ކޯޗު ސްވިޒަލެންޑުގެ މާކޯ ޖިއަމްޕައޮލޯ އެވެ. މިލާން ހަމަމަގަށް އެޅުވުމަށް އެންމެ އިސްކޮށް މަސައްކަތްކުރަނީ އާ ޓެކްނިކަލް ޑިރެކްޓަރު އަދި ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ އާއި ފީފާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި މިލާނުގެ ކުރީގެ ކުޅުންތެރިޔާ ވޮނިމިރް ބޮބާން އެވެ. ބޮބާން އަދާކުރާނީ ޗީފް ފުޓްބޯލް އޮފިސަރުގެ މަގާމެވެ.

އެފްއެފްޕީ ގަވާއިދާ ހިލާފުވުމުން އިންގްލެންޑްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ވެސް ވަނީ ސަސްޕެންޝަންގެ ބިރު ބޯމަތިވެފަ އެވެ. ސިޓީގެ މައްސަލައިގެ ތަހުގީގީ މަރުހަލާ ނިމިފައިވާއިރު، އެ ޓީމަށް ވެސް އަންނާނެ ކަމަށް ރިޕޯޓްތައް ބުނަނީ ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅެވޭގޮތަށް އެއް އަހަރު ދުވަހުގެ ސަސްޕެންޝަނެކެވެ. މީގެ ކުރިން ވެސް އެފްއެފްޕީއާ ހިލާފުވެގެން ސިޓީ އަށް ވަނީ އަދަބުދީފަ އެވެ.