28 ޖޫން 2019 - 20:36

އުރީދޫގެ މި އަހަރުގެ "ކަލަ ރަން" ކާމިޔާބު ކަމާ އެކު އައްޑޫގައި މިއަދު ބާއްވައިފި އެވެ.

ހަވީރު 4.00 ން 6.00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތް ފައްޓަވައި ދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިިނިސްޓަރު އަހުމަދު މަހްލޫފާއި އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

އެތައް ބައެއްގެ ބޮޑު ތަރުހީބެއް ލިބުނު މި ފަހަރުގެ "ކަލަ ރަން" ގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ބައިވެރިވި އެވެ.

ހިތަދޫ ރަސްމީ ބޯޅަދަނޑު ސަރަހައްދުން ފެށި މި ދުވުމުގައި ގާތްގަނޑަކަށް 2،000 މީހުން ބައިވެރިވި އެވެ.
އުރީދޫގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ، އުންމީދު ކުރި ވުރެ ތަރުހީބެއް އައްޑޫން ލިބުނު ކަމަށެވެ. އެންމެ ފުރަތަމަ އުންމީދު ކުރީ 1،000 މީހުންނަށް ކަމަށް ވިޔަސް ރަޖިސްޓްރޭޝަން ބަންދުކުރި ފަހުން ވެސް ގިނަ ބަޔަކު ދުވުމުގައި ބައިވެރިވުމަށް އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ހުދު ޓީޝާޓެއް ލައިގެން ދިޔަ އެންމެންނަށް ދުވުމުގައި ބައިވެރިވެވޭނެ ގޮތަށް ބަދަލު ކުރި ކަމަށް ނޫރާ ވިދާޅުވި އެވެ.
ތަފާތު ހަރަކާތްތައް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވަން ފަށާ އަދި އާއްމުކޮށް ދުވާ މީހުންގެ މެދުގައި ވެސް މަގުބޫލު އިވެންޓެކެވެ. އުރީދޫ ކަލަ ރަންގެ ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ކުލަ ސްޓޭޝަންތަކުން ކުލަ ޖެހި އެވެ.
އައްޑޫގައި އަލަށް މި ފަހަރު ކަލަ ރަން ބޭއްވި ނަމަވެސް މިދިޔަ ދެ އަހަރު އެކަން އޮތީ ހުޅުމާލޭގަ އެވެ.
އުރީދޫން ބުނީ، ކަލަ ރަން އަށް ފަހު "ޓްވިޓްސާފް" ންނާ ގުޅިގެން އައްޑޫ ސާފު ކުރުމުގެ ހަރަކާތެއް މާދަމާ އޮންނާނެ ކަމަށެވެ.
އުރީދޫ ކަލަ ރަންއާ ގުޅުވައިގެން މިއަދު ހެނދުނު ވަނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ގުޑި މަހާސަމާ ނަމުގައި މަޑި އެރުުމުގެ ހަރަކާތެއް ވެސް އައްޑޫގައި ބާއްވާފައިވެ އެވެ. މިހަރަކާތުގައި މަޑި ހަދަން ދަސްކޮށްދީފައި ވެ އެވެ.