"ޝިވާއޭ"ގެ ބަތަލާ ސައްޔީޝާ ސައިގަލް އަކީ ކާކު؟
"ޝިވާއޭ"ގެ ބަތަލާ ސައްޔީޝާ ސައިގަލް އަކީ ކާކު؟

އަޖޭ ދޭވްގަންގެ "ޝިވާއޭ" އިން އަލަށް ތައާރަފްވާ ސައްޔީޝާ ސައިގަލް އަކީ އާ ބަތަލާއެއް ނަމަވެސް އޭނާގެ މައިންބަފައިންނަކީ ވެސް ކުރިން ފިލްމުތަކުގައި ހަރަކާތްތެރިވެފައިވާ އެކްޓަރުންނެވެ.

ސައްޔީޝާގެ މަންމަ ޝާހީން ބާނޫ އަކީ ކުރީގެ މަޝްހޫރު ފިލްމީ ބަތަލާ ސާއިރާ ބާނޫ އަށް ބޮޑުދައިތަ ކިޔާ މީހެކެވެ. ޝާހީން ވަނީ 1990 ގައި "މަހާ ސަންގްރާމް" އަދި 1991 ގައި "އާއީ މިލަން ކީ ރާތު" ކިޔާ ފިލްމެއް ކުޅެފަ އެވެ.

އުމުރުން އެންމެ 19 އަހަރުގެ ސައްޔީޝާގެ ބައްޕައަކީ 1987 އާއި 1995 އާ ދެމެދު ތިރީހަކަށް ފިލްމު ކުޅެފައިވާ އެކްޓަރެކެވެ. އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ސާޖަން ކީ ބާހޯން މޭ" އަދި "ސައުދާ" ފަދަ ރީތި ފިލްމުތައް ހިމެނެ އެވެ.

ޝާހީން އާއި ސުމީތު 1997 ގައި ކައިވެނި ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ ޝައްޔީޝާ ލިބުނެވެ. އަދި އޭގެ ފަހުން 2000 ވަނަ އަހަރު ދެ މީހުން ވަނީ ވަރިވެފަ އެވެ.

ހިންދުސްތާން ޓައިމްސް އަށް ދީފައިވާ އިންޓަވިއުއެއްގައި ސައްޔީޝާ ބުނި ގޮތުގައި އަޖޭ ޑައިރެކްޓްކުރާ ފިލްމެއްގެ ބަތަލާކަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

"ޝިވާއޭ"ގެ ފުރަތަމަ ޓްރެއިލާ ރިލީޒްވުމާ އެކު ގިނަ ބަޔެއްގެ ލޮލުގައި ސައްޔީޝާ ވަނީ އަޅައިގެންފަ އެވެ. އޭނާގެ ރީތިކަމާއި ހުނަރަށް ތައުރީފުކުރާ މީހުން ވަނީ ގިނަ ވެފަ އެވެ.