28 ޖޫން 2019 - 09:01

ޕޯޓް އެލެގްރޭ، ބްރެޒިލް (ޖޫން 28) - ޕެނަލްޓީ ޖަހައިގެން 4-3 އިން ޕެރަގުއޭ ބަލިކޮށް 12 އަހަރަށް ފަހު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ބްރެޒިލް ފުރުސަތު ހޯދައިފި އެވެ.
އެންމެ ފަހުން މި މުބާރާތުގެ ތަށި 2007 ވަނަ އަހަރު ހޯދި ބްރެޒިލް އޭގެ ފަހުން ކުޅުނު ހަތަރު މުބާރާތުގައި ވެސް ކުއާޓާ ފައިނަލް ފަހަނައަޅައި ދެވިފައިނުވެ އެވެ. އެ ގޮތުން 2011 އާއި 2015 ވަނަ އަހަރު ކެޓީ ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ އަތުން ކުއާޓާ ފައިނަލުގަ އެވެ. އަދި އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި މުބާރާތުން ބްރެޒިލް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
މިއަދުގެ މެޗުގައި ބްރެޒިލުން ވަނީ ޕެރަގުއޭ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެހެން ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. ބްރެޒިލަށް ލަނޑެއް ޖަހައިދިނުމާ އެންމެ ގާތަށް ޖެހިލީ ވިލިއަން އެވެ. ނޭމާ އަށް އަނިޔާވުމުން އޭނާގެ ބަދަލުގައި މި ފަހަރުގެ ސްކޮޑުގައި ހިމެނުނު ވިލިއަން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ 58 ވަނަ މިނިޓްގައި ޕެރަގުއޭގެ ފަބިއަން ބަލްބުއޭނާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ބްރެޒިލްގެ ރޮބާޓޯ ފިރްމީނޯ އަށް ކުރި ފައުލަކަށެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް ޕެރަގުއޭ އިން ވަނީ ރަނގަޅު ޑިފެންސިވް ގޭމެއް ކުޅެ ބްރެޒިލް ހުއްޓުވައިފަ އެވެ. ބްރެޒިލަށް ލަނޑު ޖަހައިދޭން ފިލިއްޕޭ ކުޓީނިއޯ އާއި އެވަޓަން ޖެހި ބޯޅަތައް ޕެރަގުއޭ ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ.
އެންމެ ފަހުން ދެ ފަހަރު ވެސް ޕެރަގުއޭ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމުން ބްރެޒިލުން ވަނީ މި މެޗަށް ތައްޔާރުވުމުގައި ޕެނަލްޓީ އަށް ވަރަށް ބޮޑަށް ފަރިތަކޮށްފަ އެވެ.
ބްރެޒިލުން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުވިއިރު، ފިރްމީނޯ ޖެހި ޕެނަލްޓީ ދިޔައީ ގޯލާސީދާނުވެ ބޭރުންނެވެ. ބްރެޒިލުން ޕެނަލްޓީ ކާމިޔާބުކުރީ ވިލިއަން، މާކުއީނިއޯސް، ކުޓީނިއޯ އަދި ގަބްރިއެލް ޖީސޫސް އެވެ. ޕެރަގުއޭގެ ކެޕްޓަން ގުސްޓާވޯ ގޯމޭޒް ޖެހި ޕެނަލްޓީ ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ މަތަކޮށްފަ އެވެ. އަދި ޑާލިސް ގޮންޒާލޭޒް ޖެހި ޕެނަލްޓީ ސީދާނުވެދިޔައިރު، އެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ މިގޭލް އަލްމިރޯން، ބްރޫނޯ ވަލްޑޭޒް އަދި ރޮޑްރީގޯ ރޮޖާސް އެވެ.
ސެމީގައި ބްރެޒިލް ކުޅޭނީ މިރޭ އާޖެންޓީނާ އާއި ވެނެޒުއޭލާ ކުޅޭ ސެމީން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މި މުބާރާތުގައި އެންމެ ފަހުން ބްރެޒިލުން އާޖެންޓީނާއާ ދެކޮޅަށް ކުޅުނީ 2007 ވަނަ އަހަރުގެ ފައިނަލުގަ އެވެ. އެ ފަހަރު ބްރެޒިލް މޮޅުވީ 3-0 އިންނެވެ.