އަޖޭގެ "ޝިވާއޭ" ޕްރޮމޯޓްކުރުމަށް ޓީން ބޭންޑް "ދަ ވޭމްޕް"
އަޖޭގެ "ޝިވާއޭ" ޕްރޮމޯޓްކުރުމަށް ޓީން ބޭންޑް "ދަ ވޭމްޕް"

އަޖޭ ދޭވްގަން ޑައިރެކްޓްކޮށް އެކްޓްކުރާ "ޝިވާއޭ"ގެ އަޑު މިހާރު ވަނީ ވަރަށް ގަދަވެފަ އެވެ. "ޝިވާއޭ"ގެ ފުރަތަމަ ޓްރެއިލާއިން އާދަޔާޚިލާފު މޮޅު ސްޓަންޓްތަކާއި އެކްޝަން މަންޒަރުތައް ފެނުމުން ހިންދީ ފިލްމަށް ލޯބިކުރާ ގިނަ ބަޔަކު މިހާރު ތިބީ މި ފިލްމު ބަލާހިތުންނެވެ.

މި ފިލްމާއި ޔޫކޭގައި އޮންނަ މަޝްހޫރު ޓީން ބޭންޑެއް ކަމަށްވާ "ދަ ވޭމްޕް" ގުޅިގެން ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތްތަކެއް ކުރަން ގަސްތުކުރާ ވާހަކަ އަޖޭ ތަންކޮޅެއްކުރިން ވަނީ ބުނެފަ އެވެ. އަޖޭ ކުރި ޓުވީޓަކާ އެކު ވަނީ މި ބޭންޑާ ގުޅިގެން ފިލްމުގެ ލަވަތައް ޕްރޮމޯޓްކުރުމުގެ މަސައްކަތް ފެށިކަން ހާމަވާ ވީޑިއޯ އެއް އާއްމުކޮށްފަ އެވެ. މި ވީޑިއޯގައި އަޖޭ އާއި މި ފިލްމުގެ މިއުޒިކް ޑައިރެކްޓަރު މިތޫން މި ބޭންޑާ އެކު ހަރަކާތްތެރިވަނިކޮށް ފެނެ އެވެ.

މި ވީޑިއޯގައި ފެންނަނީ މިތޫންގެ ސްޓޫޑިއޯގައި ޖޭމްސް މެކްވޭ، ޓްރިސްޓަން އީވާންސް، ކޮނާ ބޯލް އަދި ބްރެޑް ސިމްޕްސަން "ޝިވާއޭ"ގެ ސައުންޑްޓްރެކް ފަރިތަކުރަމުންދާ މަންޒަރެވެ. ނަމަވެސް މިހާތަނަށް ފިލްމުގެ އެންމެ ލަވައެއް ވެސް ނެރެފައެއް ނުވެ އެވެ. އެހެންކަމުން ލަވައިގެ ޖާދޫ ދައްކާލާނީ މި ބޭންޑާ އެކުގައިކަމަށް މިހާރު ބެލެވެ އެވެ.

މީގެ ކުރިން މި ބޭންޑުން ވަނީ މިއުޒިކް ޑައިރެކްޓަރު ވިޝާލް-ޝޭކަރް އާއެކު "ބޭލިޔާ" ކިޔާ މިއުޒިކް ވީޑިއޯއެއްގައި ބައިވެރިވެފަ އެވެ.

މި ފިލްމަކީ އަޖޭ ޕްރޮޑިއުސްކޮށް ޑައިރެކްޓްވެސް ކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ބަލްގޭރިޔާގެ ބޯލްކަން ފަރުބަދަތަކުގެ މަތީގަޔާއި އިންޑިއާގެ ހައިދަރްއާބާދު އަދި އުތްރަކަންދް ގައެވެ.

މި ފިލްމު އޮކްޓޯބަރު 28 ވަނަ ދުވަހު ރިލީޒްކުރާއިރު ބޮކްސް އޮފީހުގައި ކަރަން ޖޯހަރްގެ ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއި އަދި އަނުޝްކާ ޝަރުމާގެ "އޭ ދިލް ހެ މުޝްކިލް" އާ ބޮޑު ކުރިމަތިލުމަކަށް ދާގޮތަށް މާ ވަނީ ތާވަލުކުރެވިފަ އެވެ.

"ޝިވާއޭ"ގެ ބަތަލާ އަކީ މުޅިން އަލަށް ތައާރަފްވާ ސައްޔީޝާ ސައިގަލް އާއި އެރިކާ ކާރް އެވެ. ސައްޔީޝާ އަކީ ތަންކޮޅެއް ކުރިން ވަރަށް ގިނަ ފިލްމުތަކުގައި ހަރަކާތްތެރިވި ސުމީތު ސައިގަލް އާއި ޝާހީން ބާނޫގެ ދަރިފުޅެކެވެ. ޝާހީން އަކީ ސާއިރާ ބާނޫ އަށް ބޮޑުދައިތަ ކިޔާ މީހެއްގެ ދަރިއެކެވެ.