ނިއުކާސަލުން ޖެރާޑާއި ވިއޭރާ އަށް ފާރަލަނީ
ނިއުކާސަލުން ޖެރާޑާއި ވިއޭރާ އަށް ފާރަލަނީ

ލަންޑަން (ޖޫން 28) - ނިއުކާސަލް ޔުނައިޓެޑުން އެ ޓީމުގެ ކޯޗަކަށް ގެންނަން، ފްރާންސްގެ ނީސްގެ ކޯޗު އަދި އާސެނަލްގެ ކުރީގެ ކެޕްޓަން ޕެޓްރިކް ވިއޭރާ އާއި ސްކޮޓްލެންޑްގެ ރޭންޖާސްގެ ކޯޗަކަށް މަސައްކަތްކުރަމުން އަންނަ ލިވަޕޫލްގެ ލެޖެންޑް ސްޓީވެން ޖެރާޑަށް ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި މަހު 30 ވަނަ ދުވަހު ނިއުކާސަލްގެ މިހާރުގެ ކޯޗު ރަފައެލް ބެނިޓޭޒްގެ ކޮންޓްރެކްޓް ހަމަވުމުން އޭނާ އެ ޓީމު ދޫކޮށްލާނެކަން މިހާރު ޔަގީންވެފައިވާއިރު، އަބޫ ދާބީގެ މަހުޖަނު ޝެއިހް ހާލިދު ބިން ޒިޔާދު ނިއުކާސަލް ގަންނަން އުޅޭކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އަދި އޭނާ ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ ގަނެފިނަމަ އެ ޓީމުގެ ކޯޗަކަށް ހޯސޭ މޮރީނިއޯ ގެންނާނެ ކަމަށް ވެސް ވާހަކަ ދެކެވުނެވެ.

އެކަމަކު މޮރީނިއޯ ދާދި ފަހުން ވަނީ ނިއުކާސަލާ ހަވާލުވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެފަ އެވެ. ނިއުކާސަލުން މިހާރު ބޭނުންވަނީ އަރަމުން އަންނަ ކޯޗަކާ ޓީމު ހަވާލުކުރާށެވެ. އެ ގޮތުން އެ ކްލަބުން ޝައުގުވެރިވާ ދެ ކެންޑިޑޭޓުންނަކީ ޖެރާޑާއި ވިއެރާ އެވެ.

އުމުރުން 43 އަހަރުގެ ވިއެރާ ވަނީ މި ސީޒަނުގައި ނީސްއާ ހަވާލުވެ އެ ޓީމަށް ލީގުގެ ހަތް ވަނަ ހޯދައިދީފަ އެވެ. ފްރާންސްގެ ގައުމީ ޓީމަށް މީގެ ކުރިން ކުޅުނު ވިއެރާ އަށް ނިއުކާސަލް ކޯޗުކަންދޭން ވަނީ މީގެ ކުރިން 2015 ވަނަ އަހަރު މަޝްވަރާކޮށްފަ އެވެ. އެކަމަކު އެ ފަހަރު ނިއުކާސަލުން ނިންމީ އިންގްލެންޑް ގައުމީ ޓީމުގެ ކުރީގެ ކޯޗު ސްޓީވް މެކްލަރެންއާ ޓީމު ހަވާލުކުރާށެވެ.

މެންޗެސްޓާ ސިޓީ އާއި ޔުވެންޓަސް އަށް ވެސް ކުޅުނު ވިއޭރާ ވަނީ އެމެރިކާގެ ލީގުގެ ނިއުޔޯކް ސިޓީގެ ހެޑް ކޯޗުކަން ވެސް ކޮށްފަ އެވެ.

ލިވަޕޫލް ޔޫތު ޓީމުން ކޯޗިންގެ މަސައްކަތް ފަށައި ޖެރާޑް އަންނަނީ ރޭންޖާސްގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. ކުރިއަށް އޮތް ސީޒަނަށް ރޭންޖާސް އިން ވަނީ ޖެރާޑްގެ އެދުމުގެ މަތިން ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އަދި އެ ޓީމާ އެކު ކުރިއަށް އޮތް ސީޒަނަށް ގިނަ އުއްމީދުތަކެއް ކުރާކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ނިއުކާސަލުން ދެން ގެންނަން މަސައްކަތްކުރާނެ ކޯޗުންނަކީ ސިޓީގެ އެސިސްޓަންޓް ކޯޗު މިކޭލް އާޓެޓާ އާއި ބޯންމައުތުގެ އެޑީ ހޯވް އެވެ. މީގެ ތެރެއިން އާޓެޓާ ވަނީ މިދިޔަ އަހަރު އާސެނަލްގެ ކޯޗަކަށްވާން ލިބުނު ފުރުސަތު ދޫކޮށްލައިފަ އެވެ.