27 ޖޫން 2019 - 18:26

ސަރުކާރު ކުންފުނިތަކުގައި ހަމަހަމަ އުސޫލުތައް ކަނޑައެޅުމަށް ތައްޔާރުކޮށްފައިވާ ކޯޕަރޭޓް ގަވަނެންސް ކޯޑު މިއަދު އިފްތިތާހު ކޮށްފި އެވެ.

މި ކޯޑު އިފްތިތާހު ކޮށްދެއްވީ މިއަދު ކުރިއަށްދާ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަހާސިންތާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

ކޯޕަރޭޓް ގަވަނެންސް ކޯޑުގެ ސަބަބުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ވަކި އުސޫލުތަކާއި ހަމަތަކެއްގެ ތެރޭގައި ހިފެހެއްޓޭނެ އެވެ. މި ކޯޑަކީ ދުނިޔޭގެ ތަޖުރިބާކާރުންގެ އަމަލީ އެހީއާއެކު އެކަލަވާލާފައިވާ ކޯޑެކެވެ.
ފިނޭސް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ ކުންފުނިތަކުގެ މަހާސިންތާގައި ކުންފުނިތައް ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން މަޝްވަރާކުރާނެ އެވެ. މި މަހާސިންތާގައި ސަރުކާރުގެ ހުރިހާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ އެވެ.
މަހާސިންތާ ފައްޓަވައިދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތްތައް ފުރިހަމަ ގޮތުގައި ދިނުމުގައި ދިމާވާ ދަތިތަކަކީ ކުންފުނިތަކަށް ދިމާވެފައިވާ ދަތި ހާލު ކަމަށެވެ. އެގޮތުން ކުރީީ ސަރުކާރުގައި ކޮރަޕްޝަނުގެ މައްސަލަތައް ގިނަ ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށް މިހާރު މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ސަރުކާރު ވުޖޫދަށް އައީ ރައްޔިތުންނަށް ބޭނުންވާ އެންމެހާ ހިދުމަތްތައް ފޯރުކޮށްދޭނެކަމުގެ ވައުދާ އެކު. އެ މަސައްކަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުންފުނިތަކަށް ދިމާވެފައިވާ ނިކަމެތި ހާލަތު. ގިނަ ކުންފުނިތަކުގެ ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް ހުރީ ހިތަށް ވެސް ނުގެނެވޭހާ މަތީ ދަރަޖައެއްގައި،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުނިތަކަށް ހަދަން ކަމަށެވެ. މި މަސައްކަތުގައި ކުންފުނިތަކުގެ ވެރިންގެ އެއްބާރުލުން ލިބޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި މަހާސިންތާގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ވަނީ ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރާނެ ކަަމަށް އިގުރާރުވެ ވަޑައިގެންފަ އެވެ. ފަހުން މި ކުންފުނިތަކަށް ކަނޑައަޅާ އިސް ފަރާތްތަކުން ވެސް މި އިގްރާރުގައި ސޮއިކުރަން ޖެހޭނެ އެވެ.