27 ޖޫން 2019 - 16:05

ނިއު ދިއްލީ (ޖޫން 27) - މުސްލިމަކަށް އަނިޔާކޮށް މަރާލުމާ ގުޅިގެން އިންޑިއާގެ އެކި ސިޓީތަކުގައި އިއްޔެ އިން ފެށިގެން މުޒާހަރާތައް ކުރަން ފަށައިފި އެވެ.

އިންޑިއާގެ ޖަރުކަންދު ސްޓޭޓުގައި އުމުރުން 24 އަހަރުގެ ތަބްރޭޒް އަންސާރީ މަރާލީ ހިންދޫ ކަލާނގެއަށް ސަނާ ކިޔަން ދެކޮޅު ހެދުމުންނެވެ. އެންމެ ފަހުން އޭނާ އަށް އަނިޔާކޮށް މަޖްބޫރުކޮށްގެން ވަނީ އޭނާ ލައްވައި ހިންދޫ ކަލާނގެއަށް ތައުރީފްކޮށްފަ އެވެ. އޭނާ މަރާލީ ގެއަކުން ސައިކަލެއް ވަގަށް ނެގި ކަމަށް ބުނެ އެވެ.
ހޭޝްޓެގް #ޖަސްޓިސްފޯތަބްރޭޒް އަދި #އިންޑިއާއެގެއިންސްޓްލިންޗްޓެރާގެ ނަމުގައި ކުރިއަށް ގެންދާ މުޒާހަރާތައް އިންޑިއާގެ 50 ސިޓީގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
އިދިކޮޅު ރާހުލް ގާނދީ ވިދާޅުވީ މުސްލިމަކަށް އަނިޔާކޮށް މަރާލުމަކީ "އިންސާނިއްޔަތަށް ދިން ހަމަލާއެއް" ކަމަށެވެ.
ޕާލަމެންޓް ހައުސްއާ ކައިރީގައި ވަނީ ޔުނިވާސިޓީ ދަރިވަރުންނާއި އެކްޓިވިސްޓުން މުޒާހަރާ ކޮށްފަ އެވެ. ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި ބޮޑު ވަޒީރު ނަރަންދުރަ މޯދީއާ ދެކޮޅަށް ވަނީ އަޑު އުފުލައިފަ އެވެ. އަދި މުސްލިމުންނާ ދެކޮޅަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ވަނީ ގޮވާލައިފަ އެވެ.
އަންސާރީގެ އަންހެނުން ޝަހިސްތާ ޕަރްވީން ބީބީސީ އަށް ބުނީ ކަރަންޓް ހޮޅިދަނޑިއެއްގައި އަންސާރީ ބަނދެފައި އެއްރޭ ވަންދެން ބަހައްޓައި އަނިޔާ ކުރި ކަމަށެވެ. އަދި ފުލުހުންނަށް ހަވާލުކުރީ އަނެއް ދުވަހު ކަމަށް އޭނާ ބުންޏެވެ. ހޮސްޕިޓަލަށް ގެންދިޔައީ ހަތަރު ދުވަސް ފަހުން ކަމަށް ވެސް އޭނާ ބުންޏެވެ. ޕަރްވީން ބުނީ އަންސާރީ އަށް އަނިޔާކުރީ ހިންދޫ ކަލާނގެ އަށް ތައުރީފްކޮށް ވާހަކަ ދައްކަން ދެކޮޅު ހެދުމުން ކަމަށެވެ.
އިންޑިއާގެ އިދިކޮޅު ޕާޓީތަކުން ތުހުމަތު ކުރަނީ ދީނީ ހަމަނުޖެހުންތައް ހުއްޓުވުމަށް މޯދީ އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ. އަދި ބީޖޭޕީ 2014 ވަނަ އަހަރު ވެރިކަމަށް އައި ފަހުން މުސްލިމުންނަށް ކުރާ އަނިޔާތައް އިތުރުވެފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އެ ޕާޓީ ވަނީ ނިމިގެން ދިޔަ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށް މިދިޔަ މަހު ވެރިކަމާ އަލުން ހަވާލުވެފަ އެވެ.
އަންސާރީގެ މަރާ ގުޅިގެން ފުލުހުން ވަނީ 11 މީހަކު ހައްޔަރުކޮށްފަ އެވެ.