30 ޖޫން 2019 - 07:37

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެމެރިކާގައި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އެކްޓަރު ރިޝީ ކަޕޫރްގެ ފިލްމެއް އަންނަ މަހު ސިނަމާތަކަށް އަންނަން ތައްޔާރުވެއްޖެ އެވެ.
އެ ފިލްމަކީ "ޖޫޓާ ކަހީ ކާ" އެވެ. މި ފިލްމުގައި ރިޝީއާ އެކު ހިމެނޭ ކާސްޓުންގެ ތެރޭގައި ޖިމީ ޝެރްގިލް، ސަނީ ސިންގް، އޯމްކާރް ކަޕޫރް، ލިލިތާ ޑޫބޭ އަދި މަނޯޖް ޖޯޝީ ހިމެނެ އެވެ.
އަންނަ މަހުގެ 19 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ "ޖޫޓާ ކަހީ ކާ" ގެ ޑައިރެކްޓަރަކީ ސުމީޕް ކަންގަނެވެ. ހެއްވާ މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމުގައި ކިޔައި ދޭނީ މޮރިޝަސް އަށް ކިޔަވަން ފޮނުވާ އިންޑިއާގެ ދެ ޒުވާނަކަށް، އެ ގައުމަށް މާ ބޮޑަށް ހިތްޖެހި އެނބުރި އުފަން ގައުމަށް ދާން ދެކޮޅު ހަދަން ފެށުމުން، އެ މީހުން އިންޑިއާ ގެންދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހާދިސާތަކެވެ.
"ޖޫޓާ ކަހީ ކާ" ގައި ރިޝީ ފެނިގެން ދާނީ އޯމްކާރުގެ ބައްޕަގެ ރޯލުންނެވެ.
ރިޝީ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓްގައި ރިލީޒް ކުރި އަނޫބަވް ސިންހާގެ "މުލްކް" އިންނެވެ. އަދި ފަރުވާ އަށް އެމެރިކާ އަށް ދިޔަ ފަހުން ރިޝީ މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމު "ރާޖްމާ ޗާވަލް" ނެޓްފްލިކްސް އިން މިދިޔަ ނޮވެމްބަރު މަހު ސްޓްރީމްކޮށްފައިވެ އެވެ.
ރިޝީ ފަރުވާ އަށް ދިޔައީ ޖޫހީ ޗާވްލާއާ އެކު ކުޅޭ ފިލްމެއްގެ މަސައްކަތް ވެސް ފަށާފައި ވަނިކޮށެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 4 ގައި ފާހަގަ ކުރާ 67 ވަން އުފަން ދުވަސް އާއިލާ އާއި ގަތް ރައްޓެހިންނާ އެކު ފާހަގަ ކުރަން އިންޑިއާ އަށް އޮގަސްޓަ މަހުގެ ފަހުކޮޅު ދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ރިޝީ ބުންޏެވެ. އޭނާ ބުނި ގޮތުގައި ކެންސަރުން މިހާރު އެއްކޮށް ސަލާމަތްވެފައިވާ އިރު، މިހާރު ކުރިއަށް ދަނީ ފަރުވާފެ ފޮލޯއަޕެވެ.