27 ޖޫން 2019 - 13:22

ވީއައިއޭގެ އާ ޓާމިނަލްގެ އެތެރޭގެ ޑިޒައިން ދިވެހިވަންތަ ސިފަތަކަކާ ހެދުމުގެ ގޮތުން ކުރީގެ އެއްބަސްވުމަށް ގެންނަ ބަދަލުގައި އެމްއޭސީއެލް އާއި ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕުން މިއަދު ސޮއިކޮށްފި އެވެ.

ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި އާ ޓާމިނަލަށް ގެންނަ ބަދަލުތަކުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ސޮއިކުރެއްވި ބިންލާދިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޕައުލޯ ބީޖީ އެވެ.

މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އާ ޓާމިނަލްގެ އަމަލީ މަސައްކަތް ފެށި ކަމަށް ވިޔަސް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެކަމަކު އެއްބަސްވުމަށް ގެންނަ ބަދަލުތަކުގައި ސޮއިކުރުމާާ އެކު އެ މަސައްކަތް ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް، އެމްއޭސީއެލުން ބުންޏެވެ.
ސޯލިހު ވިދާޅުވީ ޓާމިނަލްގެ މަސައްކަތް އަލުން ފެށުމަކީ ވަރަށް ބޮޑު ކާމިޔާބީއެއެއް ކަމަށެވެ.
ޕައުލޯ ވިދާޅުވި ގޮތުގައި ޕްރޮޖެކްޓަށް މައްސަލަތަކެއް ދިމާވި ނަމަވެސް އެކަން ހައްލުކުރެވި އަލުން ފެށުނީ ސައުދީ ފަންޑުގެ އެހީތެރިކަމާ އެކު އެވެ.
ސައުދީ ފަންޑަކީ 357 މިލިއަން ޑޮލަރު (5.5 ބިލިއަން ރުފިޔާ) ހޭދަކުރާ މަޝްރޫއަށް މާލީ އެހީ ދޭ އެއް ފަރާތެވެ. އެ ފަންޑުގެ އިތުރުން ދެން ފައިސާ ދެނީ މެދުއިރުމަތީގެ އެހެން ބައެއް ގައުމުތަކުންނެވެ.
ޓާމިނަލްގެ ފައުންޑޭޝަނަށް ބޭނުންވާ ދަގަނޑު ހޮޅިތައް ޖެހުމުގެ އިތުރުން އެހެން މަސައްކަތެއް މިހާތަނަށް އޮތީ ނުކުރެވި އެވެ. އޭގެ ސަބަބަކީ ބޭނުންވާ ބައެއް ފައިސާ ލިބޭ ގޮތް އޭރު ހަމަނުޖެހުމެވެ.
މިހާރަށް ވުރެ ބޮޑު ޓާމިނަލެއްގެ ބޭނުން ޖެހިފައި އޮތް ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި ހަދާ ޒަމާނީ ޓާމިނަލް ނިންމަން އިތުރު މުއްދަތު ވެސް، އެއްބަސްވުމަށް ގެނައި ބަދަލުގެ ސަބަބުން، ވަނީ ދީފަ އެވެ. އެގޮތުން މިހާރު އޮތީ 2022 ގައި މަޝްރޫއު ނިންމާ ގޮތަށެވެ.
އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު މުހައްމަދު ސޮލާހު ވިދާޅުވީ ޓާމިނަލް ނިމޭ އިރު އެތަން ފެންނާނީ ދިވެހިވަންތަ ގޮތަކަށް ކަމަށެވެ. އެގޮތުން ދިވެހިންގެ ސަގާފަތާއި އާދަކާދަތަކުގެ ސިފަތައް ޓާމިނަލުން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 78،000 ސްކުއާ މީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ.