28 ޖޫން 2019 - 06:28

އެސްޓޯނިއާގައި މިހާރު މަންޒަރުތައް ނަގަމުން އަންނަ މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލާންގެ އާ ފިލްމު "ޓެނެޓް" ގެ ބަޖެޓަކީ 225 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި އަދަދާ އެކު އެ ފިލްމު ހިމެނޭނީ މިހާތަނަށް މުޅިން އޮރިޖިނަލް ކޮންޓެންޓަކަށް ހަދާ އެންމެ އަގުބޮޑު ފިލްމުތަކުގެ ތެރޭގަ އެވެ. އަދި "ޓެނެޓް" ގެ ކުރިން ވެސް ނޯލަން ވަނީ ބޮޑު ބަޖެޓް ފިލްމެއް ހަދައިފަ އެވެ. އެއީ 2012 ގައި ރިލީޒް ކުރި ސުޕަހީރޯ ފިލްމު "ދަ ޑާކްނައިޓް ރައިޒެސް" އެވެ. ޖުމްލަ 230 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 1.085 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވެސް ހޯދި ފިލްމެކެވެ.
މުޅިން އޮރިޖިނަލް ކޮންޓެންޓަކަށް ދެން މިހާތަނަށް ހެދި އެންމެ އަގު ބޮޑު ފިލްމުތަކުގެ ތެރޭގައި ހިމެނެނީ 2010 ގައި ޑިޒްނީން ގެނެސް ދިން އެނިމޭޓެޑް ފިލްމު "ޓޭންގްލްޑް" އެވެ. ޖުމްލަ 260 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި 591.8 މިލިއަން ޑޮލަރު ލިބުނެވެ.
މީގެ އިތުރުން 2009 ގައި ޖޭމްސް ކެމެރެން ގެނެސް ދިން "އެވެޓާ" އަކީ ވެސް ރެކޯޑް ބަޖެޓަކުން ހެދި ފިލްމެކެވެ. މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ޝަރަފު ވެސް އޮތް އެ ފިލްމުގެ ބަޖެޓަކީ 237 މިލިއަން ޑޮލަރެވެ. ބޮކްސް އޮފީހުުގައި "އެވެޓާ" އަށް 2.788 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ނޯލަން އަންނަ އަހަރުގެ ޖުލައި 17 ގައި ގެނެސް ދޭން ތާވަލުކޮށްފައިވާ "ޓެނެޓް" އަކީ ވަރަށް ވެސް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ވެސް ފެނިގެން ދާނެ އެކްޝަން ތުރިލާއެކެވެ. މި ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ރޮބަޓް ޕެޓިންސަން، އެލިޒަބަތު ޑެބީކީ، ޖޯން ޑޭވިޑް ވޮޝިންޓަން، އާރޮން ޓޭލާ ޖޯންސަން، މައިކަލް ކެއިން، ކެނެތު ބްރަނާ އަދި ބޮލީވުޑްގެ ބަތަލާ ޑިމްޕަލް ކަޕާޑިއާ އެވެ.
ނޯލަން އެންމެ ފަހުން ގެނެސް ދިން ފިލްމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ވާހަކައެއް ކިޔައި ދިން 2017 ގެ "ޑަންކާކް" އެވެ.