27 ޖޫން 2019 - 11:28

ބެލްކަނީން ބައެއް ވެއްޓި ބަޔަކު ޒަހަމްވި ހާދިސާއަށް ފަހު އެ އިމާރާތުގެ ހާލަތު ވަޒަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މަރިޔަމް އިނާ މާޖިދު "މިހާރު" އަށް ވިދާޅުވީ ހ. ރުށްދޮށުގޭގެ އެސެސްމެންޓް ހަދަނީ އެ މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ކަމަށެވެ.
ރޭ ހިނގި ހާދިސާގައި ޒަޚަމްވި މީހުންގެ ތެރޭގައި 16 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ. އެ އެންމެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނެވެ. އަދި ބޮލަށް އަނިޔާވި މީހެއްގެ ސީޓީ ސްކޭން ވެސް ހެދި އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ބެލްކަނީން ބައެއް ވެއްޓުނު އިރު ޒުވާން ގްރޫޕެއް ތިބީ އެގެ ކައިރީ ސައިކަލްތަކުގެ މަތީގަ އެވެ.
އެތަނުގައި ތިބި ބައެއް މީހުން ލަފާކުރާ ގޮތުގައި ވެއްޓުނު ޝީޓުގައި ގާތްގަނޑަކަށް ފަސް ފޫޓު ހުންނާނެ އެވެ. އެއިން ޖެހި ސައިކަލްތަކަށް ވެސް ގެއްލުން ލިބުނު ކަމަށް ފުލުހުން ބުނެ އެވެ.
މާލޭގައި ބާވެ، ބޮލަށް ވެއްޓެން ކައިރިވެފައިވާ ބައެއް އިމާރާތްތަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ހިއްސާ ކުރަމުންނެވެ.
އެފަދަ އިމާރާތްތަކާ ބެހޭ ގޮތުން މިދިޔަ މޭމަހު "މިހާރު"އާ ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ބައެއް ތަންތަނުގެ ވެރިންނާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.