27 ޖޫން 2019 - 11:30

އަބަދަށްފެހިމަގުގައި ހުންނަ ލިންކް ސާވުގެ އޮފީހެއް ފަޅާލައި، އެ ފިހާރައިގެ ދެ ތިޖޫރިއެއް މިއަދު ވަގަށް ނަގައިފި ކަމަށް ފުލުހުން ބުނެފި އެވެ.
އެ ފިހާރައިން ވަގަށް ގެންދިޔަ އެއް ތިޖޫރީގައި 4،000ރ. ހުރި ކަމަށް ފުލުހުން ބުނެ އެވެ. އަދި އަނެއް ތިޖޫރީގައި އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް ލިންކް ސާވާ އާ ހަވާލާ ދީ ފުލުހުން ބުނެ އެވެ.
މަޝްހޫރު ފިހާރަތަކެއް ހިންގާ އަދި ކޮމްޕިިއުޓަރާއި އައިޓީ ހިދުމަތްތައް ދޭ އެ ކުންފުނީގެ އޮފީހުން އިތުރު އެއްޗެއް ވަގަށް ނަގާފައިވާ ކަމަކަށް ފުލުހުންނެއް ނުބުނެ އެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ބޮޑެތި ވައްކަމާއި ފޭރުންތައް މިދުވަސްވަރު ވަނީ އިތުރުވެފަ އެވެ. ބޮޑެތި އަދަދު ހިމެނޭ ފައިސާ އުފުލާ އިރު ފޭރޭ މައްސަލަތައް ގިނަވުމުން، ފައިސާ އުފުލާ އިރު ފުލުހުންގެ އެހީތެރިކަން ހޯދަން އެތަނުން ވަނީ ގޮވާލައިފަ އެވެ.