ޓީސީ އާއި ގްރީންގެ މެޗު: ސަމާލުކަން ދަގަނޑޭ އަށް!
ޓީސީ އާއި ގްރީންގެ މެޗު: ސަމާލުކަން ދަގަނޑޭ އަށް!

މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބުން ހޯދިއިރު އެންމެ ހިއްސާ ބޮޑު ކުޅުންތެރިޔަކީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މި ސީޒަނުގައި ގްރީން ސްޓްރީޓްސް އަށް ބަދަލުވެ އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން އަންނަ ދަގަނޑޭ އަށް ދެ މެޗުން ޖެހުނީ އެއް ގޯލެވެ. ގްރީން ޖޯޒީގައި ދަގަނޑޭ ފުރަތަމަ ފަހަރަށް ޓީސީއާ ދެކޮޅަށް ކުޅޭއިރު މެޗުގެ ކުރިން ދެ ޓީމުގެ ކޯޗުން ވެސް ވަނީ ދަގަނޑޭއާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

ގްރީން ސްޓްރީޓްސް އެންމެ ފުރަތަމަ ކުޅުނު މެޗުގައި މާޒިޔާ އަތުން 3-1 އިން ބަލިވިއިރު، ދެ ވަނަ މެޗުން ވަނީ އީގަލްސްއާ 1-1 އިން އެއްވަރުވެފަ އެވެ. ސީޒަންގެ ފުރަތަމަ މޮޅު ހޯދުމުގެ އަޒުމުގައި ގްރީން ސްޓްރީޓްސް އިން މިރޭ ޓީސީއާ ދެކޮޅަށް ނުކުންނައިރު، ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭންގެ ނަޒަރުގައި ދަގަނޑޭގެ ބޭނުންހިފުން އެ ޓީމުން އިތުރުކުރަންޖެހެ އެވެ.

"އަޝްފާގަށް ލިބޭ ބޯޅަ ތަންކޮޅެއް މަދުކޮށް މިދިޔަ ދެ މެޗު ފެނުނީ. ރަނގަޅު އެއްޗެއް ނުލިބޭ، ދެ މެޗަށް ބަލާއިރު ވެސް އަޝްފާގަށް ލިބުނު ބޯޅަތައް މަދުކޮށް ހަނިކޮށް ފެންނަނީ. އެ ބައި އެއީ ރަނގަޅުކުރަންޖެހޭ ކަމެއް. ގްރީން ސްޓްރީޓްސްގެ ޓާގެޓް މޭން އަކަށް މި ހުރީ އަޝްފާގު. އެ ތަނުން އޭނަ އަށް ބޯޅަ ލިބޭ ކަމަށްވަންޏާ ގައިމު ވެސް މި ކުޅޭ ހުރިހާ ޑިފެންޑަރުން ކޮންމެ ޑިފެންޑަރެއް ހުއްޓަސް އޭނަ ނަތީޖާނެރޭނެ،" ޔަގީންކަމާ އެކު ސުޒޭން ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ކުޅުންތެރިންގެ ނިސްބަތުން ދެ ޓީމު އަޅާކިޔާއިރު އެންމެ ބޮޑު ތަފާތަކަށް ފެންނާނީ ދަގަނޑޭ ކަމަށެވެ. އަދި އޭނާއާ މެދު ކޮންމެ ޓީމަކުން ވެސް ސަމާލުވާންޖެހޭނެކަމަށް އާތީ ބުންޏެވެ.

"ގްރީން ސްޓްރީޓްސްގެ ޕްރިޕަރޭޝަން ވެސް ރަނގަޅުވެފައި އޮތީ. ގްރީން ސްޓްރީޓްސްގައި އެބަތިބި ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ނެރެވޭނެ ކުޅުންތެރިން. މިސާލަކަށް ބަލާއިރު ރާއްޖޭގެ ފުޓްބޯޅައިގެ ކިންގް އަލީ އަޝްފާގު ވެސް އެބަހުރި. އޭނަ ބޭނުންްވިއްޔާ ކޮންމެ ވަގުތެއްގައި ވެސް ގޭމް ޗޭންޖް އެބަކުރޭ. އެއީ މިހާތަނަށް ރާއްޖޭގެ ފުޓްބޯޅައިގައި އޭނާ ދައްކާފައި ހުރި ކުޅުން،" އާތީ ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ސުޒޭން ބުނީ ގްރީން ސްޓްރީޓްސް އިން މިހާތަނަށް ކުޅެވުނު ދެ މެޗަށް ބަލާއިރު ވަކި ކަންތައްތަކެއް ދަށްވެގެން އަދި މާޔޫސްވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"އެންމެ ބޮޑަށް ވިސްނާލަންޖެހެނީ ގްރީން ސްޓްރީޓްސް މި ކުޅެން ޖެހެނީ މިހާރު ރާއްޖޭގައި އެންމެ ވަރުގަދަ ޓީމުތަކާއި އެއް ތަރުތީބުން. އެހެންވީމަ އަދި ގޯލު ނުޖެހިގެން އެކަމަށް ނުވެސް ވިސްނަން. ދެން މި ބަލަނީ ބްރޭކް އަންނަންދެން. އެ އަށް ފަހު ކަންތައްތައް ރަނގަޅު ކޮށްލެވޭނެކަމަށް އުއްމީދުކުރަނީ،" ސުޒޭން ބުންޏެވެ.

ޓީސީއާ ދެކޮޅަށް ނުކުންނައިރު ގްރީން ސްޓްރީޓްސް އިން ރަނގަޅަށް ވިސްނައިގެން ކުޅެފިނަމަ އެޑްވާންޓޭޖް ނެގޭނެ ކަންތައްތަކެއް އެބަހުރި ކަމަށް ސުޒޭން ފާހަގަކުރި އެވެ. އެއީ ގިނަ މެޗުތަކެއް ޓީސީ ކުޅެފައިވުމުން ވަރުބަލިިވުމުގެ ކަންތައްތައް އެ ޓީމުގެ ކުޅުންތެރިންނަށް ބޮޑުވާއިރު، ގްރީން ސްޓްރީޓްސްގެ ކުޅުންތެރިންގެ ފޯމް ރަނގަޅުވަމުން އަންނާތީ އެވެ.

"ޖުމްލަކޮށް މެޗުގައި ޓީސީ އަށް ވުރެ ބޮޑަށް ގްރީން ސްޓްރީޓްސް އަށް އެޑްވާންޓޭޖްތަކެއް ހުންނާނެ. އެއީ ކޮންމެވެސް ވަރަކަށް ޓީސީ ކޯޗު ވެސް ފާހަގަކޮށްފައި ހުރި އެ ޓީމު ކައިރިކައިރިން މެޗުތައް ކުޅެފައި ވަރުބަލިވުމާއި އެކަންކަން އުޅޭކަން. އޭގެ ތެރެއިން ގްރީން ސްޓްރީޓްސް އަށް އެޑްވާންޓޭޖް އޮންނާނެ،" ސުޒޭން ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ މިސްރު ޑިފެންޑަރު އަލް ސައީދު މުހައްމަދަށް ކުޅެވުމުގައި އެފްއޭއެމުން އޭނާގެ އިންޓަނޭޝަނަލް ޓްރާންސްފާ ސެޓްފިކެޓް (އައިޓީސީ) ހަމަޖައްސައިދިނުމުގައި ދިން އެހީތެރިކަން ފާހަގަކުރާ ކަމަށާއި ކުރިއަށް މި އޮތް ބްރޭކުގެ ކުރިން ގްރީން ސްޓްރީޓްސްގައި ދެން ތިބި ބިދޭސީ ކުޅުންތެރިން ނުކުޅޭނެކަމަށް ސުޒޭން ބުންޏެވެ.

ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ގްރީން ސްޓްރީޓްސްގެ އަސްހަދު އަލީ (އަޑުބަރޭ) އަށް ކުޅުމުގެ ތެރެއަށް އަނބުރާ އާދެވޭނީ ހަތަރު ވަރަކަށް މަސް ފަހުންންނެވެ.

ޓީސީގެ ކޯޗު އާތީ ބުނީ ގްރީން ސްޓްރީޓްސް އަންނަނީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން ކަމަށާއި ޓީސީން މި މެޗުގައި ފަރުވާ ބަހައްޓައިގެން ކުޅެންޖެހޭނެ ކަމަށެވެ.

"ހުރިހާ ޕްލޭޔަރުން ޓީމެއްގެ ގޮތުގައި ތައްޔާރުވުން ޓީސީ ކުޅުންތެރިން އެގޮތަށް ވެއްޖިއްޔާ މިއީ ނުނެނޭވަރުގެ މެޗެއް ނޫން. ކުރާ މަސައްކަތުން ނަތީޖާ މި ނެރެވެނީ. މިދިޔަ ދެ މެޗަށް ވުރެ ދެ ގުނަ މަސައްކަތްކުރާނަން. މިއީ ޓީސީ އަށް މުހިއްމު މެޗެއް،" އާތީ ބުންޏެވެ.

އިންޑިވިޖުއަލީ ބަލާއިރު ގްރީން ސްޓްރީޓްސްގައި ތަފާތު ކުޅުންތެރިން ތިބި ގޮތަށް ޓީސީގައި ވެސް އެ ފެންވަރުގެ ބައެއް ކުޅުންތެރިން ތިބިކަން އާތީ ފާހަގަކުރި އެވެ. އެ ގޮތުން ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދާއި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ހިމެނެ އެވެ.

"އިމްރާން ފޯމަކަށް އަންނައިރު އެބަހުރި މި ދިޔަ މެޗުތަކުގައި މެޗު ސޭވިން ސޭވްތަކެއް ކޮށްފައި. އިމްރާންގެ އެކްސްޕީރިއަންސް ވެސް ވަރަށް މުހިއްމު. އަކުރަމް ވެސް އަލާ (މިސްރު ޑިފެންޑަރު) ވެސް ތަފާތު. އީސަ އާއި ޒުވާން ކުޅުންތެރިޔާ އައިޝަމް ވެސް ތަފާތު ދައްކައި،" އާތީ ބުންޏެވެ.

ވަރުބަލިކަމުގެ މައްސަލަ ޓީމުގައި ހުރި ނަމަވެސް އެ އަށް ބެލުމެއް ނެތި ޓީމެއްގެ ގޮތުގައި ކުރިމަތިލައިފިނަމަ މިއީ ޓީސީ އަށް މޮޅުވެވޭނެ މެޗެއް ކަަމަށް އާތީ ބުންޏެވެ.

ޓީސީ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.