29 ޖޫން 2019 - 08:47

ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފީލްޑް މާޝަލްގެ ރޭންކަށް ޕްރޮމޯޓްވި އިންޑިއާގެ ފުރަތަމަ އަސްކަރީ އޮފިސަރުގެ ޝަރަފު ލިބުނު ސޭމް ހޯމްސްޖީ ފްރަމްޖީ ޖަމްޝޭދީ މަނެކްޝޯ އެމްސީ އަދި މަޝްހޫރު ނަމުން ނަމަ ސޭމް ބަހާދޫރުގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ޑައިރެކްޓަރު މެގްނާ ގުލްޒާރު ނިންމާފައިވާ އިރު، އެ ފިލްމުގެ ބަތަލުގެ ރޯލް ވަނީ ރަންވީރު ސިންގަށް ހުށަހަޅައިފަ އެވެ.
ނަމަވެސް ފިލްމުގެ ބަތަލަކީ މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި މެގްނާގެ "ރާޒީ" ގައި ވެސް ބަތަލުގެ ރޯލް ކުޅުނު ވިކީ ކޯޝަލްކަން މެގްނާ ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އޭނާ ބުނި ގޮތުގައި ސޭމް ބަހާދޫރުގެ ބައޮގްރަފިކަލް ޑްރާމާގެ ވާހަކަ ވިކީއާ ދެކެވުނީ "ރާޒީ" ގެ މަސައްކަތް ކުރި ދުވަސްވަރު އެވެ. އަދި އަބަދު ވެސް އޭނާގެ ސިކުނޑީގައި ހުރީ ވިކީ ލައްވައި ބާހާދޫރުގެ ރޯލް ކުޅުނުވަން ކަމަށް ބުންޏެވެ.
މި ފިލްމުގެ ސްކްރީންޕްލޭ ވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. އެ މަސައްކަތް ކުރަނީ "ރާޒީ" ގެ ސްކްރީންޕްލޭގައި ވެސް ހިއްސާވި ބަވާނީ އައްޔަރާއި މިދިޔަ އަހަރު އެންމެ ހިނގި އެއް ފިލްމު ކަމަށްވާ "ބަދާއީ ހޯ" ގެ ސްކްރީންޕްލޭގައި ހިއްސާވި ޝަންތަނޫ ސްރިވަސްތާވް އެވެ.
ސޭމް ބަހާދޫރްގެ ފިލްމާ ބެހޭ ގޮތުން ވިކީ ބުނީ އޭނާގެ ވާހަކަ ވަރަށް ކުރިއްސުރެ ވެސް މައިންބަފައިން ކިޔައިދޭ ކަމަށެވެ. އެހެންވެ އެހާ ވަރުގަދަ ޝަހުސިއްޔަތެއްގެ ރޯލް ކުޅެން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ބުންޏެވެ.
އެޕްރީލް، 3، 1914 ގައި އުފަންވި ސޭމް ބަހާދޫރު މަރުވީ ޖޫން، 27، 2008 ގަ އެވެ. އޭނާއަކީ 1971 ގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރި ހަނގުރާމައިގައި އިންޑިއާގެ އަސްކަރިއްޔާގެ ޗީފް އާމީ ސްޓާފްގެ މަގާމު ވެސް އަދާކުރި މީހެކެވެ. އިންޑިއާ ސަރުކާރުން ދޭ މަތީ ޝަރަފު ޕަދުމާ ބުޝަން އާއި ޕަދުމާ ވިބުޝަން އެވޯޑް ވެސް ސޭމް ބަހާދޫރަށް ލިބިފައިވެ އެވެ.
ރޯނީ ސްކްރޫވާލާ ޕްރޮޑިއުސް ކުރާ ސޭމް ބަހާދޫރުގެ ފިލްމުގެ މަސައްކަތް ފަށާނެ އިރެއް މެގްނާ އަދި އިއުލާނެއް ނުކުރެ އެވެ.
އޭނާ ދެން އެންމެ އަވަހަށް ގެނެސް ދޭނީ ވެސް ބައޮޕިކެކެވެ. އެއީ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝީ އަގްރާވަލްގެ ވާހަކަ ކިޔައިދޭ ފިލްމު "ޗަޕާކް" އެވެ. ދީޕިކާ ޕަދްކޯން ބަތަލާގެ ރޯލް ކުޅޭ ފިލްމުގެ ޝޫޓިން ނިންމާލާފައިވާ އިރު، އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ 10 ގަ އެވެ.
ވިކީ މިހާރު ވެސް އަންނަނީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ޝަހުސިއްޔަތެއްގެ ވާހަކަ ކިޔައިދޭ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ސުޖިތު ސިރްކާ ޑައިރެކްޓް ކުރާ "އުދަމް ސިންގް" އެވެ.
މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އުރީ: ދި ސާޖިކަލް ސްޓްރައިކް" ގެ ބަތަލު ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ ނޮވެމްބަރު މަހުގެ 15 ގައި ރިލީޒް ކުރާ ބިރުވެރި ފިލްމު "ބޫތު: ޕާޓް ވަން-ހޯންޓެޑް ޝިޕް" އިންނެވެ.