ބާސެލޯނާގެ ރައީސްކަމަށް ޝައުގުވެރިކަމެއް ނެތް: ގާޑިއޯލާ
ބާސެލޯނާގެ ރައީސްކަމަށް ޝައުގުވެރިކަމެއް ނެތް: ގާޑިއޯލާ

ބާސެލޯނާ (ޖޫން 27) - ފުޓްބޯޅައިގައި ކޯޗިން ކެރިއަރު ނިންމާލުމަށް ފަހު ދެން ކުރިއަށްދާނެ ވަކި މިސްރާބެއް ނެތް ކަމަށާއި އެހެން ނަމަވެސް ބާސެލޯނާގެ ރައީސްގެ މަގާމަށް އަންނަން އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އަދި މިހާރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އުމުރުން 48 އަހަރުގެ ގާޑިއޯލާ މީގެ ކުރިން ބުނީ އުމުރުން 60 އަހަރުން މައްޗަށް ދިއުމުން ބެންޗުގައި އިނދެ ފުޓްބޯޅައިގެ ޕްރެޝަރު ވަގުތުތަކުގައި މަސައްކަތްކުރަން އުނދަގޫވާނެ ކަމަށާއި އޭގެ ކުރިން ފުޓްބޯޅައިގެ އެހެން ރޯލަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ބާސެލޯނާ އަށް އެނބުރި ގާޑިއޯލާ ދާނެ ކަމަށް ގިނަ މީޑިއާތަކުން މީގެ ކުރިން ރިޕޯޓްކޮށްފައިވާއިރު، އޭނާ ބުނީ އެކަން ވުމުގެ ފުރުސަތު އެބައޮތް ކަމަށާއި ޔަގީނުން ވެސް އެއީ ރައީސްގެ މަގާމުގައި ހުންނަން ނޫން ކަމަށެވެ.

"ބާސެލޯނާ އަށް އެނބުރި އައުން ގާތް. އެކަމަކު ރައީސެއްގެ ގޮތުގައެއް ނޫން. އެއީ އެ މަގާމަށް އަންނަން ތަފާތު ފެންވަރެއްގެ ވިސްނުންތަކެއް ހުންނަންޖެހޭނެ. ހިންގުންތެރިކަމުގައި ނަމޫނާ ދެއްކިފައި ހުންނަންވާނެ. އަހަންނަކީ އެ ފަދަ މީހެއް ނޫން. އަހަރެން ބޭނުމީ މޮޅު ކޯޗެއްގެ ގޮތުގައި ހުންނަން އެކަން އެބަކުރެވޭ،" ކޯޗިން ކެރިއަރުގައި މިހާތަނަށް 26 މުބާރާތް ކާމިޔާބުކޮށްފައިވާ ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާ އަށް ކުޅެ އެ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. އޭގެ ފަހުން ކޯޗެއްގެ ގޮތުގައި އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ވެސް ހޯދި އެވެ. އަދި ބާސެލޯނާ ނިސްބަތްވާ ކެޓަލޫނިއާ ސަރަހައްދުގައި ފުޓްބޯޅަ ކުރިއަރުވަން ގިނަ ޕްރޮޖެކްޓްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ވެސް ފޯރުކޮށްދެ އެވެ.

ބާސެލޯނާގެ ކޯޗުކަމުުން އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް ގާޑިއޯލާ އެ ކްލަބަށް އެނބުރި އަންނަން އުޅޭކަމަށް ދާދި ފަހުން ސްޕެއިނުގެ މީޑިއާތަކުން ރިޕޯޯޓްކުރި ނަމަވެސް ގާޑިއޯލާ ވަނީ ސިޓީގައި މަޑުކުރަން ނިންމައިފަ އެވެ. އަދި ޔުވެންޓަސް އިން ލިބުނު ހުށަހެޅުމަށް ވެސް ވަނީ ފުރަގަސްދީފަ އެވެ.

މި ފަހަރުގެ ސީޒަނަށް ބާސެލޯނާގެ ވާދަވެރި ރެއާލް މެޑްރިޑުން ގިނަ ކުޅުންތެރިންތަކެއް ގެނެސް ޓީމު ވަރުގަދަކޮށްފައިވާއިރު، ބާސެލޯނާ އިން ވެސް އަންނަނީ ކުރިން އެ ޓީމަށް ކުޅުނު ނޭމާ އާއި އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ފްރާންސްގެ އެންޓޮއިން ގްރީޒްމަން ހޯދަން މަސައްކަތް ކުރަމުންނެވެ. ގާޑިއޯލާ ބުނީ އެ ދެ ކުޅުންތެރިން ވެސް ބާސެލޯނާ އިން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އެ ދެ ކުޅުންތެރިންނަކީ ކޮންމެ ޓީމަކުން ވެސް މަރުހަބާ ކިޔާނެ ފެންވަރުގެ ދެ ކުޅުންތެރިން. އެހެންވީމަ ބާސެލޯނާގައި ވެސް އެގޮތް އޮންނާނެ. މިއީ އަހަރެން ދައްކަންޖެހޭނެ ވާހަކައެއް ނޫން. އެކަމަކު ހަގީގަތަކީ މިއީ،" ގާޑިއޯލާ ބުންޏެވެ.

އަންނަ ސީޒަނަށް ސިޓީން ވެސް ކުޅުންތެރިން ގެންނާނެ ކަމަށާއި އޭގެ މަސައްކަތް މިހާރު ވެސް ކުރެވެމުން އަންނަ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.