ޕެނަލްޓީން ކެޓުމުގެ ބިރު ބްރެޒިލަށް އެބައޮތް: ޓީޓޭ
ޕެނަލްޓީން ކެޓުމުގެ ބިރު ބްރެޒިލަށް އެބައޮތް: ޓީޓޭ

ޕޯޓް އަލެގްރޭ، ބްރެޒިލް (ޖޫން 27) - ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ނުކުންނައިރު ބްރެޒިލަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރިން ފަހަރުތަކެކޭ އެއްގޮތަށް ޕެނަލްޓީ ޖަހައިގެން ނާކާމިޔާބީގެ ބިރު ބޮޑުވުން ކަމަށް އެ ޓީމުގެ ކޯޗު ޓީޓޭ ބުނެފި އެވެ.

ކުއާޓާގައި ބްރެޒިލް ބައްދަލުކުރާނީ ޕެރަގުއޭއާ އެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބްރެޒިލް ވަނީ މި މުބާރާތުގައި ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ އަތުން ބަލިވެފަ އެވެ. އެ ގޮތުން 2011 ވަނަ އަހަރު އާޖެންޓީނާގައި އޮތް މުބާރާތުގެ ކުއާޓާ ފައިނަލުން ބްރެޒިލް ކެޓީ ޕެނަލްޓީ ޖަހައިގެން 2-0 އިން ބަލިވެގެންނެވެ. އެ ފަހަރު ބްރެޒިލުން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުނުވި އެވެ. އޭގެ ހަތަރު އަހަރު ފަހުން ޗިލީގައި އޮތް މުބާރާތުގައި ވެސް ބްރެޒިލް ކެޓީ ޕެނަލްޓީ ޖަހައިގެން 4-3 އިން ޕެރަގުއޭ އަތްދަށުވުމުންނެވެ.

މިރޭގެ މެޗުގެ ކުރިން ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ ޕެނަލްޓީ އަކީ އޭނާ އަށް ވެސް ބިރެއް ކަމަށެވެ.

"އަހަންނަށް ވެސް ޕެނަލްޓީ ޖަހާއިރު ހަމަޖެހިލައިގެން ނުހުރެވޭ. އެ ބިރު ފޮހެލަން އަހަރެން ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވޭ. ހަގީގަތުގައި އަހަރެންގެ ނަޒަރުގައި ޕެނަލްޓީ އިންސާފުވެރިއެއް ނޫން. ކާމިޔާބީ އާއި ނާކާމިޔާބީ އެ ގޮތަށް ކަނޑައެއް ނޭޅޭނެ. ކޮންމެވެސް އެހެން ގޮތެއް އޮންނަންވާނެ. އަހަންނަށް ނޭނގޭ ކޮން ގޮތެއް ކަމެއް. އެކަމަކު ގޮތެއް ހޯދެންވާނެ،" ޓީޓޭ ބުންޏެވެ.

ބްރެޒިލުން އެންމެ ފަހުން ކޮޕަ އެމެރިކާ ކާމިޔާބުކުރީ 2007 ވަނަ އަހަރު އެވެ. އެންމެ ފަހުން 2016 ވަނަ އަހަރު އޮތް ކޮޕަ އެމެރިކާގައި ބްރެޒިލް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މި ފަހަރު އަމިއްލަ ގައުމުގައި އެ މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި އޮތް ބްރެޒިލުން ވަނީ ފާއިތުވެ ދިޔަ ދެ ދުވަހުގެ ޕްރެކްޓިހުގައި ޕެނަލްޓީ އަށް ފަރިތަކޮށްފަ އެވެ.

ޓީޓޭގެ ނަޒަރުގައި ބްރެޒިލަށް އޮތް އެންމެ ބޮޑު ހިތްވަރަކީ އެ ޓީމުގެ ގޯލްކީޕަރު އެލިސަން ބެކާ އެވެ. މި ފަހަރު ލިވަޕޫލާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެލިސަން ކޮޅަށް އަދި މި މުބާރާތުގައި ގޯލެއް ނުވަދެ އެވެ.

ޕެރަގުއޭގެ ކޯޗު އެޑުއާޑޯ ބެރީޒޯ ބުނީ ބްރެޒިލާ ދެކޮޅަށް މީގެ ކުރިން ވެސް އެ ޓީމުން ވަނީ ނަތީޖާ ނެރެފައި ކަމަށާއި މި ފަހަރު ވެސް އެކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. ޕެރަގުއޭ މި ފަހަރުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ގްރޫޕްތަކުގެ ތެރެއިން ތިން ވަނަ އަށް އެންމެ ރަނގަޅު ނަތީޖާ ނެރުނު ޓީމުތަކުގެ ރޭންކިން އަށް ބަަލައިގެންނެވެ.

ބްރެޒިލާއި ޕެރަގުއޭ ކުޅޭ މެޗު ފަށާނީ މިރޭ ފަތިހު ރާއްޖެ ގަޑިން 5:30 ގަ އެވެ.