08 ސެޕްޓެމްބަރ 2016 - 18:53

އައްޑޫގައި ހަދަމުން އަންނަ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލުމުން، ކުރތިމަތިލި ފަރާތްތަކުގެ މެދުގައި ގުރުލައި، ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓްތައް ހަވާލު ކުރެވޭ ވަރު ވާނީ އަންނަ ނޮވެމްބަރު މަހު ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހިތަދޫގައި ހަދަމުން އަންނަ 264 ފްލެޓްގެ ތެރެއިން 230 ފްލެޓަކާއި ހުޅުމީދޫގައި ހަދަމުން އަންނަ 48 ފްލެޓްގެ ތެރެއިން 38 ފްލެޓަކަށް ކުރިމަތިލާން މިދިޔަ ޖޫން މަހުގެ ތެރޭގައި ހުޅުވާލައި މުއްދަތު ހަމަވި އިރު، 585 ފަރާތަކުން ފޯމް ހުށަހަޅާފައިވެ އެވެ.
ފްލެޓަށް އެދި ހިތަދޫން 448 ފޯމް ހުށަހަޅާފައިވާ އިރު ފޭދޫން 71 ފޯމް ހުށަހަޅާފައިވެ އެވެ. އަދި މަރަދު އާއި މަރަދޫފޭދޫން 54 ފޯމް ހުށަހަޅާފައިވެ އެވެ.
ހުޅުމީދޫން ހުށަހަޅާފައި ވަނީ 12 ފޯމެވެ. އެހެންވެ އެ ރަށުގެ ފްލެޓްތަކަށް ކުރިމަތިލާން އަލުން އިއުލާން ކުރަން ވެސް ވަނީ ނިންމައިފަ އެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނި ގޮތުގައި ފްލެޓްތައް ލިބޭ ފަރާތްތަކާ މި މަހުގެ ތެރޭގައި އެތަންތަން ހަވާލު ކުރެވޭނެ އެވެ. ނަމަވެސް އިވެލުއޭޝަން މަރުހަލާ އަދިވެސް ނުނިމޭތީ ލަސްވަނީ ކަމަށް މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރު މުހައްމަދު ފައިސަލް ވިދާޅުވި އެވެ.
"ވަރަށް ބާރަށް އެ މަސައްކަތް ކުރިއަށް އެބަދޭ. ފޯމްތައް ގިނަވީމަ އަސްލު އިވެލުއޭޝަން ލަސްވެގެން އުޅެނީ،" އޭނާ ވިދާޅުވި އެވެ.
ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 25،000ރ. ދައްކަން ޖެހެ އެވެ. އަދި މަހު ކުއްޔަކީ 3،000ރ. އެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ހިތަދޫގައި އަޅާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތައް ނިމިފައިވާ އިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި ހުޅުމީދޫގައި ވެސް މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"މޫސުން ގޯސްވެގެން މަސައްކަތުގެ ސްޕީޑަށް ކޮންމެވެސް ވަރެއްގެ ލަސްވުމެއް އައި ނަމަވެސް، މަސައްކަތްތައް ހަމަ ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.