26 ޖޫން 2019 - 16:43

ބިހާރު (ޖޫން 26) - އިންޑިއާގެ އިރުމަތީގެ ބިހާރު ސްޓޭޓުގައި ނުރައްކާތެރި ހުމެއް ފެތުރި 150 ކުޑަ ކުދިން މިހާތަނަށް މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ނުރައްކާތެރި ބައްޔެއް ކަމަށްވާ އެކިއުޓް އެންސެފަލިޓިސް ސިންޑްރޯން (އޭއީއެސް) ކަންބޮޑުވާ މިންވަރަށް ފެތުރެން ފެށުމުން އިންޑިއާގެ ސުޕްރީމް ކޯޓުން އެންމެ ފަހުން ވަނީ އެ ބަލި ކޮންޓްރޯލް ކުރަން ސަރުކާރު އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ހާމަކުރުމަށް އެދިފަ އެވެ. މި ބަލި ޖެހޭ ސަބަބެއް ކަމަށް ބުނެފައި ވަނީ ރަނގަޅަށް ދޮންނުވާ ލައިޗީ ކައިގެންނެވެ.
އޮފިޝަލުން ބުނީ ބިހާރުގެ އެކި އަވަށްތަކުން އޭއީއެސް ޖެހިގެން 152 ކުދިން މިހާތަނަށް މަރުވެފައިވާ ކަމަށެވެ. ބަލި އެންމެ ބޮޑަށް ފެތުރޭ މުޒައްފަރުޕޫރްގައި 131 ކުދިން ވަނީ އެޑްމިޓްކޮށްފަ އެވެ. ސިއްހީ އޮފިޝަލުން ބުނީ 111 ކުދިން ވަނީ ސަރުކާރުން ހިންގާ ސްރީ ކްރިޝްނާ މެޑިކަލް ކޮލެޖުގައި މަރުވެފައި ކަމަށެވެ. އިތުރު 20 ކުއްޖަކު ވަނީ އަމިއްލަ ބަޔަކު ހިންގާ ކެޖްރިވާލް ހޮސްޕިޓަލުގައި މަރުވެފަ އެވެ.
މުޒައްފަރުޕޫރުގެ ޗީފް މެޖިސްޓްރޭޓް ވަނީ ފެޑެރަލް ހެލްތު މިނިސްޓަރު ހާޝް ވާދާން އާއި ބިހާރުގެ ހެލްތު މިނިސްޓަރުގެ އިހުމާލެއް އޮތްތޯ ބަލަން ތަހުގީގު ކުރަން އަންގައިފަ އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން ވެސް ވަނީ އެ މައްސަލަ ބަލަން ސްޓޭޓުގެ ސަރުކާރަށް އަންގައިފަ އެވެ. ބިހާރު ސަރުކާރުގެ ވަކީލުން ބުނެފައި ވަނީ ހާލަތު މިހާރު އޮތީ ކޮންޓްރޯލް ކޮށްފައި ކަމަށެވެ.