26 ޖޫން 2019 - 14:57

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ ސައުތު ވެސްޓް އެޕްރަންގައި ފްލައިޓް އޮޕަރޭޝަން ޓެސްޓްކޮށްފި އެވެ.

އެމްއޭސީއެލް އިން ބުނީ މިއަދު ޕެސެންޖަރުންނާ އެކު ޖެއްސި މި ބޯޓުގެ އޮޕަރޭޝަންތައް ކާމިޔާބު ކަމާ އެކު ޓެސްޓް ކުރެވުނު ކަމަށެވެ.
އެއާޕޯޓުން މިހާރު ހިދުމަތް ދޭ އޭފްރަންއާ ހިލާއަށް އަލަށް ހެދި އޭޕްރަން ޑިޒައިން ކޮށްފައިވަނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. މި އޭޕްރަންގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ އިރު ރަސްމީކޮށް ހުޅުވާނީ ސިވިލް އޭވިއޭޝަނުން އެޕްރޫވް ކުރުމުންނެވެ.
ސައުތު ވެސްޓް އޭޕްރަންގެ މަސައްކަތަކީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކުގެ ތެރެއިން ކުރާ ކަމެކެވެ. އޭޕްރަންގެ މަސައްކަތް ކުރަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ އިރު ދެވަނަ ފިޔަވަހީގެ ދަށުން އެއާކްރާފްޓް ޕާކު ކުރާ ޖާގަ އާއި ޑޮމެސްޓިކް ޓާމިނަލް ސަރަހައްދުގެ މަސައްކަތް ކުރާނެ އެވެ.
މި އޭފްރަންގައި ކޯޑް އީ މަރުކާގެ ފަސް ބޯޓާއި ކޯޑް ސީ މަރުކާރުގެ ހަތް ބޯޓަށް ޕާކު ކުރެވޭނެ އެވެ.
ގާތްގަނޑަކަށް 70،000 ސްކުއާމީޓަރުގެ ޖާގައިގެން މި އޭޕްރަންގެ މަސައްކަތުގެ އިތުރުން އެއާޕޯޓުގައި އަންނަނީ ފިއުލް ފާމަކާއި ސީޕްލޭން ޓާމިނަލެއްގެ މަސައްކަތް ކުރަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ވަނީ އެއާޕޯޓު ތަރައްގީ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ މަޝްރޫއުއެއް ފަށައިފަ އެވެ. އާ ސަރުކާރު ހަވާލުވުމަށްފަހު އެ މަސައްކަތް އަންނަނީ ކުރިއަށް ގެންދަމުންނެވެ.