26 ޖޫން 2019 - 13:23

އެމްޑީޕީން ކުރަން ހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީގެ 14 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެންނަން މި ވޭތުވެދިޔަ އަހަރުތަކުގައި ޕާޓީގެ ހުރިހާ މެމްބަރުން އެތައް ގުރުބާނީއެއް ވެފައިވާ ކަމަށެވެ. އެއާ އެކު ދެން ބޭނުންފުޅުކުރެއްވީ 2013 ގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީން ގެންގުޅުނު މަޝްހޫރު ބަސްކޮޅު، "ކުރިއަށް ކުރިއަށް، ބާރަށް ކުރިއަށް" ނުވަތަ ކޭކޭބީކޭގެ ހޭޝްޓެގެވެ.
އެމްޑީޕީގެ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ހެނދުނު 6:00 ގައި ވަނީ އެ ޕާޓީގެ ހަރުގޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޕާޓީގެ ދިދަ ނެންގެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި މަޖިލިސް އިންތިޚާބަށް ފަހު އެމްޑީޕީ ވެފައިވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީއަށެވެ. އިންތިހާބުގައި 65 ގޮނޑިއާ އެކު މަޖިލީހުގައި އެންމެ ބޮޑު އަޣުލަބިއްޔަތެއް މިހާތަނަށް ލިބިފައިވަނީ އެމްޑީޕީއަށެވެ.