28 ޖޫން 2019 - 06:29

ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ހޯދައި، މި މަހުގެ 21 ގައި ރިލީޒްކުރި ޝާހިދު ކަޕޫރްގެ އެންމެ ފަހުގެ ފިލްމު "ކަބީރު ސިންގް" ރިލީޒް ކުރިތާ ފަސް ދުވަހުގެ ތެރޭގައި 100 މިލިއަން ރުޕީސް (14 މިލިއަން ޑޮލަރު) އާމްދަނީއެއް ވެސް ހޯދައިފި އެވެ.
ދެހާސް ސަތާރައިގައި ރިލީޒްކުރި ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރިމެކެއްގެ ގޮތުގައި ގެނެސްދިން "ކަބީރު ސިންގް" ވެފައި ވަނީ އޭ ސެޓްފިކެޓް ލިބުނު ފިލްމުތަކުގެ ތެރެއިން ވެސް މިހާތަނަށް އެންމެ ރަނގަޅު ވިޔަފާރިއެއް ކުރަމުން އަންނަ ފިލްމުގެ ގޮތުގަ އެވެ. މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.
އެޑަލްޓް ސެޓްފިކެޓް ލިބޭ ފިލްމުތަކުގެ އޯޑިންސް އާންމުކޮށް ވަރަށް ބޮޑަށް ލިމިޓްވެފައި އޮތަސް "ކަބީރު ސިންގް" ވަނީ އެ ޓްރެންޑް ވެސް މިހާރު ބަދަލުވެފައިވާކަން ސާބިތުކޮށްދީފަ އެވެ. އަދި މި ފިލްމު ވެފައި ވަނީ މި އަހަރު މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ރިލީޒްކުރި ދުވަހު ހަތަރު ވަނަ އަށް އެންމެ ބޮޑު އާމްދަނީ ވެސް ހޯދި ފިލްމަށެވެ.
ރިލީޒް ކުރި ދުވަހު އެކަނި ވެސް "ކަބީރު ސިންގް" އަށް ޖުމްލަ 20.21 މިލިއަން ރުޕީސް އިންޑިއާ އިން ލިބިފައިވެ އެވެ.
މި އަހަރު އެންމެ ބޮޑު ފެށުމެއް ލިބުނު ފިލްމަކީ ސަލްމާން ހާންގެ "ބާރަތު" އެވެ. އެއީ 42.30 މިލިއަން ރުޕީސް އެވެ. އެ ފިލްމު 14 މިލިއަން ޑޮލަރު ހަމަކުރީ ރިލީޒް ކުރިތާ ހަތަރު ދުވަހުގެ ތެރޭގަ އެވެ.
"ކަބީރު ސިންގް" އަށް އިންޑިއާ އިން އަންގާރަ ދުވަހާ ހަމައަށް ވަނީ 104.90 މިލިއަން ރުޕީސް ލިބިފަ އެވެ. އަދި އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުން ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ މިހާރު ވަނީ 116.97 މިލިއަން ރުޕީސް އަށް އަރައިފަ އެވެ.
މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި މިދިޔަ ޖެނުއަރީގައި ރިލީޒް ކުރި ވިކީ ކޯޝަލްގެ "އުރީ: ދި ސާޖިކަލް ސްޓްރައިކް" އާ އެއްގޮތަށް "ކަބީރު ސިންގް" އަކީ ބޮލީވުޑް ސިއްސުވައިލި ކާމިޔާބީތަކެއް ހޯދަމުން އަންނަ ފިލްމެކެވެ. އަދި ފިލްމުގެ ވިޔަފާރިއަކީ ވެސް ބޮޑު ޝޮކެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. ތަރަން ބުނި ގޮތުގައި "ކަބީރު ސިންގް" ބޮކްސް އޮފީހުގައި 200 މިލިއަން ރުޕީސްގެ އާމްދަނީއެއް ވެސް ފަހަނައަޅައި ދާނެ ފިލްމަކަށްވުމުގެ އުންމީދު ބޮޑެވެ.
މި ފިލްމަކީ 100 މިލިއަން ރުޕީސްގެ އާމްދަނީއެއް ހޯދި ޝާހިދުގެ ފުރަތަމަ ސޯލޯ ފިލްމެވެ. މިދިޔަ އަހަރު އޭނާ ދީޕިކާ ޕަދްކޯން އާއި ރަންވީރު ސިންގްއާ އެކު ކުޅުނު "ޕަދުމާވަތު" އަކީ ވެސް ބޮކްސް އޮފީހުއި ޖުމްލަ 5.85 ބިލިއަން ރުޕީސް ހޯދާފައިވާ ފިލްމެކެވެ.
ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށްފައިވާ "ކަބީރު ސިންގް" އަކީ ލޯބީގެ މައްސަލަގަނޑެއްގައި ރަލާއި ދުންފަތުން އަމިއްލަ ނަފުސު ހަލާކުކޮށްލާ މެޑިކަލް ސްޓޫޑަންޓެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގެ ބަތަލާއަކީ ކިއާރާ އަދުވާނީ އެވެ.
ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން ދިޔަ ނަމަވެސް ބައެއް މީހުން މިހާރު ދަނީ "ކަބީރު ސިންގް" އާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
އެގޮތުން މެޑިސިން ކިޔަވާ ދަރިވަރެއްގެ ވާހަކަ ވަރަށް ނެގަޓިވްކޮށް އަދި މެޑިސިން ޕްރޮފެޝަންގެ ވާހަކަ ފިލްމުގައި ގޯސްކޮށް ގެނެސް ދީފައިވާ ކަމަށް ބުނެ މުމްބާއީގެ ޑޮކްޓަރަކު ވަނީ ފިލްމު ދެއްކުން ހުއްޓުވައި ދޭން މުމްބާއީ ޕޮލިހަށް ހުށަހަޅައިފަ އެވެ. އަދި ފިލްމުގެ މައްސަލަ އޭނާ ވަނީ ޔުނިއަން ހެލްތު މިނިސްޓަރަށާއި ބްރޯޑްކާސްޓިން މިނިސްޓްރީ އަށް ވެސް ހުށަހަޅައިފަ އެވެ.