08 ސެޕްޓެމްބަރ 2016 - 13:20

ބޮޑު އީދު ބަންދު ދުވަސްތަކުގެ ތެރެއިން އަންނަ ހަފުތާގެ ބުދަ ދުވަހު ހުރިހާ ބޭންކެއް ހުޅުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީގެ ގަވާއިދުގައިވާ ގޮތުން ޖެހިޖެހިގެން ފަސް ދުވަހަށް ވުރެ ގިނަ ދުވަހު ބޭންކުތައް ބަންދު ނުކުރެވޭނެ ކަމަށާއި، އެހެންކަމުން މި ބަންދުގައި ބުދަ ދުވަހު ހުރިހާ ބޭކުތަކުން ވެސް ރަސްމީ ގަޑިތަކުގައި ހިދުމަތް ލިބޭނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނި ގޮތުގައި އެ ބޭންކުގެ ހުރިހާ ބްރާންޗެއް ބުދަ ދުވަހު ހުޅުވާނެ އެވެ.
މީގެ އިތުރުން، ބީއެމްއެލްގެ 14 ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ބަންދު ތެރޭގައި ފައިސާ ނެގުމާއި ޑިޕޮސިޓް ކުރުމާއި ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި ބުނީ އޭޓީއެމް ނެޓްވޯކާއި އިންޓަނެޓް އަދި މޮބައިލް ބޭންކިން އާއި ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ވެސް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެެވެ.
ދިގު ބަންދުތަކާ ގުޅިގެން ކަސްޓަމަރުންނަށް ބޭންކިން ހިދުމަތް ހޯދުމަށް ގިނަ ދަތިތަކާ ކުރިމަތިވެ، ޝަކުވާތައް ގިނަވާ ކަމަށް ބޭންކުތަކުން ބުނެ އެވެ.