26 ޖޫން 2019 - 11:13

މުޖުތަމައުތަކަށް ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ މީހުންގެ އަމާޒަކަށް ވަނީ ރަނގަޅު ތައުލީމާއި ވަޒީފާ ނެތް މީހުން އެކަނި ނޫން ކަމަށާއި ރަނގަަޅަށް ކިޔަވައިގެން، ރަނގަޅު ވަޒީފާތަކުގައި ތިބޭ ޒުވާނުން ވެސް އެ ފިކުރަށް ދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެެވެ.

ފިކުރީ ހައްދުފަހަނައެޅުން ނައްތައިލުމުގައި ދީނީ އިލްމުވެރިންގެ ދައުރާ ބެހޭ ގޮތުން ބާއްވާ ދެ ދުވަހުގެ ވޯކްޝޮޕެއް ފެށުމަށް އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހަރުކަށި ފިކުރު ފެތުރުން މިހާރު އޮތީ އަޅައި ނުލައި ތިބެވޭ ވަރަށް ވުރެ މާ ގާތުގައި ކަމަށެވެ. އެކަމާ އަޅައި ނުލައި ތިބެއްޖެ ނަމަ ދައްކަންޖެހޭ އަގު މާ ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގިނަ ފަހަރު އިޖުތިމާއީ މި ބަލިމަޑުކަން އަމާޒުވަނީ ޒުވާނުންނަށް. އެެއީ ކޮންމެހެން ނުކިޔަވާ ތިބޭ، ފުރުސަތުތައް މަދު ފަރާތްތަކަކަށް ވާކަށް ނުޖެހޭ. އެ ފަރާތްތަކަކީ ރަނގަޅަށް ކިޔަވައިގެން ތިބި، ރަނގަޅު އުޖޫރައަކާ އެކު ވަޒީފާގައި ތިބޭ ގިނަ ފުރުސަތުތައް ފަހިވެފައިވާ ފަރާތްތައް. އެކަމަކު އެ ފަރާތްތަކަށް ވެސް ހަމަ ފަސޭހަ ކަމާ އެކު މަގު އޮޅުވައިލެވޭ،" އައިޝަތު އަލީ ވިދާޅުވި އެވެ.
މިއަދު ފެށި ކަހަލަ ވޯކްޝޮޕްތައް ބާއްވަން ޖެހެނީ އޭނާ ވިދާޅުވި ގޮތުގައި މި ފަދަ ސަބަބުތަކާ ހެދި އެވެ. ހައްދުފަހަނަ އަޅައިދިއުމާއި ހަރުކަށި ފިކުރު ހުއްޓުވުމުގައި ދީނީ އިލްމުވެރިންނަކީ އެންމެ ކުރީ ސަފުގައި ތިބެން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހައްދުފަހަނަ އެޅުން ހުއްޓުވުމަށް ތައުލީމީ ނިޒާމުގެ ތެރެއިން މަސައްކަތް ކޮށްފި ނަމަ އެއީ ނަތީޖާ ހޯދޭނެކަން ކަށަވަރު ކުރެވިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހައްދުފަހަނައެޅުން ހުއްޓުވަން މަސައްކަތް ކުރާ ޔޫއޭއީގެ ޖަމާއަތެއް ކަމަށްވާ ޔޫއޭއީގެ ހިދާޔާ ސެންޓަރާއި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގުޅިގެން މިއަދު ފެށި ވޯކްޝޮޕް ކުރިއަށް ދާނީ ދެ ދުވަހުގެ މުއްދަތަކަށެވެ.
އެ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެެނެރަލް އަބްދުއް ރަހީމް އަބްދުއް ލަތީފް، ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި އެންސޓީސީގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ އިތުރުން ޔޫއޭއީގެ ހިދާޔާ ސެންޓަރުގެ އެގްޒެކެޓިވް ޑިރެކްޓަރު މަގްސޫދު ކުރުސީއާއި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންސީޓީސީގެ ޑިރެކްޓާ މޭޖާ އިބްރާހީމް ނައީމް ވިދާޅުވީ ޓެރަރިޒަމާއި ހައްދު ފަހަނައެޅުމާ ދެކޮޅަށް ކުރާ މަސައްކަތަކީ ހަމަ އެކަނި އަސްކަރީ މަސައްކަތެއް ކަމަށް މިހާރު ގަބޫލު ނުކުރެވޭ ކަމަށެވެ.
"މިއަދު އެއީ މުޅި ސަރުކާރާއި މުޅި ރައްޔިތުން ގެ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.