މޫދު ވިނަ ހިމާޔަތްކުރަން އީކުއޭޓާ ވިލެޖުން ވެސް ނިންމައިފި
މޫދު ވިނަ ހިމާޔަތްކުރަން އީކުއޭޓާ ވިލެޖުން ވެސް ނިންމައިފި

މޫދުވިނަ ހިމާޔާތް ކުރަން އީކުއޭޓާ ވިލެޖް ރިސޯޓުން ވެސް މިއަދު ނިންމައިފި އެވެ.

ރާއްޖޭގެ މޫދުވިނަ ހިމާޔާތްކުރަން "ބްލޫ މެރިން ފައުންޑޭޝަން" އާއި "މޯލްޑިވްސް އަންޑަވޯޓާ އިނިޝިއޭޓިވް" އިން ފެށި "ޕްރޮޓެކްޓް މޯލްޑިވްސް ސީގްރާސް" ކެމްޕެއިނުގައި ބައިވެރިވާ ރިސޯޓުތަކުން އެ ތަނެއްގެ މޫދުވިނައިގެ 80 ޕަސެންޓު ހިމާޔާތްކުރަން ވައުދު ވާން ޖެހެ އެވެ. އީކުއޭޓާ ވިލެޖުން ބުނީ އެ ރިސޯޓުގެ ފަޅުތެރޭގައި މި ވަގުތު ހުރި ހުރިހާ މޫދުވިނައެއް ހިމާޔާތްކުރާނެ ކަމަށެވެ. އެ ރިސޯޓުގެ ފަޅު ތެރޭގެ 7600 އަކަ މީޓަރުގެ ސަރަހައްދެެއްގައި މޫދުވިނަ އެބަހުއްޓެވެ.

އެ ރިސޯޓުގެ މެނޭޖަރު މުހައްމަދު ވަހީދު ވިދާޅުވީ މޫދުވިނަ ހުރި ހިސާބުގައި ކަނޑުގެ ދިރުންތައް ގިނަކަން އެ ރިސޯޓުގެ ޑައިވަރުންނަށް ވެސް ފާހަގަކުރެވޭ ކަމަށެވެ.

"އެ ތަނުން މަހާއި ބޮލި އަދި ވެލާ ވެސް ވަރަށް ގިނައިން ފެނޭ. އެ އެއްޗެހި ފެނުމުން ގެސްޓުން ވަރަށް ހިތްހަމަޖެހޭ،" މުހައްމަދު ވަހީދު ވިދާޅުވި އެވެ.

މޫދުވިނައަކީ ކަނޑުގައި އަޑީގައި އުފެދޭ މާ އަޅާ ވިނަގަނޑެކެވެ. މި ވިނަގަނޑު އޮންނަ ހިސާބުގައި ވެލާ، މަޑި އަދި މިޔަރު ފަދަ އެއްޗެހި އާންމުކޮށް ފެނެ އެވެ. އެކި ބާވަތުގެ މަސްމަހަށް ދިރިއުޅޭނެ މާހައުލެއް ހޯދައިދިނުމުގެ އިތުރުން، ފަރުތަކުގެ ސިއްހަތު ދަމަހައްޓަން ވެސް މޫދުވިނަ އެހީވެ ދެ އެވެ.

ރިސޯޓުތަކުން މޫދުވިނަ ނައްތާލަމުން ދާކަން ފާހަގަކުރެވުމުން، އެ ތަން ހިމާޔާތް ކުރަން ފެށި މި ކެމްޕެއިނުގައި 35 ރިސޯޓުތަކާއި 22 ޖަމިއްޔާއެއް ބައިވެރިވެފައި ވެ އެވެ. ރިސޯޓުތަކުން އަމިއްލަ އަށް އިސްނަގައިގެން ކުރާ މި މަސައްކަތުގައި 655،000 އަކަ މީޓަރުގެ މޫދުވިނަ މިހާތަނަށް ހިމާޔާތްކޮށްފައި ވެ އެވެ. މިއީ ގާތްގަނޑަކަށް 95 ފުޓްބޯޅަ ދަނޑުގެ ބޮޑުމިނެވެ. ދުނިޔޭގެ މޫދުވިނަ ދުވަސް ކަމަށްވާ މާޗު 1ގައި ފެށި މި ކެމްޕެއިން، ޓުއަރިޒަމް މިނިސްޓްރީން ވެސް މިހާރު ވަނީ އެންޑޯޒްކޮށްފަ އެވެ.

ބްލޫ މެރިން ފައުންޑޭޝަންގެ ލ. ޕްރޮޖެކްޓް މެނޭޖަރު ޝަހާ ހާޝިމް ވިދާޅުވީ މި ކެމްޕެއިނުން އަންގައިދެނީ ޓޫރިޒަމާއި މޫދުވިނަ އަކީ ގުޅިގެން ކުރިއެރުވޭނެ ކަންތައްތައް ކަމަށެވެ.

"އަންނަ އޮތް ގަރުނުގެ ތެރޭގައި އަންނަ ބަދަލުތަކުން ރާއްޖޭގެ ކަނޑުގެ މާހައުލު ދަމަހައްޓަން ބޭނުންވެއްޖެ ނަމަ، އެންމެން ގުޅިގެން އެ ތަންތަން ހިމާޔާތްކުރަން މަސައްކަތްކުރަން ޖެހޭނެ،" ޝަހާ ވިދާޅުވި އެވެ.