28 ޖޫން 2019 - 06:28

ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ދެ ފިލްމެއް މިހާރު ވެސް އަތުގައި އޮތް ބޮލީވުޑްގެ ޒުވާން ބަތަލާ ކިއާރާ އަދުވާނީ އޭނާގެ އިތުރު ފިލްމަކަށް ވެސް ސޮއިކޮށްފި އެވެ.
މި ފަހަރު ކިއާރާ ސޮއިކޮށްފައި ވަނީ ދާދި ފަހުން ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ ޑިޖިޓަލް ގޮފި ދަރުމެޓިކް އެންޓަޓައިންމަންޓުން މަޝްހުރޫ ސްޓްރީމިން ސާވިސް ނެޓްފްލިކްސްއާ ގުޅިގެން ހަދަން އިއުލާން ކުރި ފިލްމު "ގިލްޓީ" އަށެވެ.
މި ފިލްމަށް ކިއާރާ ސޮއިކުރިކަން ކަށަވަރުކޮށް ދެމުން، ކަރަން ވަނީ ފިލްމުން ކިއާރާ ފެނިގެން ދާނެ ގޮތުގެ ފޮޓޯއެއް ވެސް ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
ރޭޕްގެ ހާދިސާއަކަށް ބިނާކޮށް ހަދާ "ގިލްޓީ" ގެ ޑައިރެކްޓަރަކީ ރޫޗީ ނާރައިން އެވެ. މި އަހަރުގެ ފަހުކޮޅު ސްޓްރީމް ކުރަން ފަށާ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
މިދިޔަ އަހަރު ނެޓްފްލިކްސް އިން ސްޓްރީމް ކުރި އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީޒް" އަކީ ވެސް ކިއާރާ ފެނިގެން ދިޔަ ފިލްމެކެވެ. ހަތަރު ޑައިރެކްޓަރެއްގެ، ހަތަރު ސެގްމަންޓް ހިމެނޭ ފިލްމުގައި ކިއާރާ ކުޅުނީ ކަރަން ޑައިރެކްޓް ކުރި ސެގްމަންޓެވެ. ކަރަންގެ ރާޑަރަށް، ކިއާރާ އަރައި ގިނަ ހުށަހެޅުންތައް ލިބެން ފެށީ އެ ފިލްމަށް ފަހު އެވެ.
އުންމީދީ ބަތަލާގެ އަތުގައި ހުރި ކަރަންގެ ފިލްމުތަކުގެ ތެރޭގައި ޑިސެމްބަރު 27 ގައި ރިލީޒް ކުރާ "ގުޑް ނިއުސް" އާއި އަންނަ އަހަރު ރިލީޒް ކުރާ "ޝޭރް ޝާހް" ހިމެނެ އެވެ. އެޕްރީލް މަހު ރިލީޒް ކުރި ކަރަންގެ "ކަލަންކް" ގެ ރޯލަކުން ވެސް ކިއާރާ ފެނިފައިވެ އެވެ.
ކިއާރާގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 21 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ "ކަބީރު ސިންގް" އެވެ. އެ ފިލްމުގެ ބަތަލަކީ ޝާހިދު ކަޕޫރެވެ.