ނޭމާގެ ނިންމުން އޮޅުންފިލުވަން ޕީއެސްޖީން އެދިއްޖެ
ނޭމާގެ ނިންމުން އޮޅުންފިލުވަން ޕީއެސްޖީން އެދިއްޖެ

ޕެރިސް (ޖޫން 26) - ޕީއެސްޖީގެ ބްރެޒިލްގެ ތަރި ނޭމާ ބާސެލޯނާ އަށް އަލުން ބަދަލުވާން ނިންމާފައިވާ ކަމަށް ބުނެ މީޑިއާގައި އަޑުފެތުރިފައިވަނިކޮށް އޭނާގެ ނިންމުން އޮޅުންފިލުވަން ޕީއެސްޖީން އެދިއްޖެ އެވެ.

ބްރެޒިލްގެ މީޑިއާ ރިިޕޯޓްތައް ބުނާގޮތުން ނޭމާ ވަނީ ބާސެލޯނާއާ އެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި ޕީއެސްޖީން މި ވަގުތު ދެމުން އަންނަ އަހަރަކު 36 މިލިއަަން ޔޫރޯގެ މުސާރަ ދޫކޮށްލައި ބާސެލޯނާ އަށް އަހަރަކު 24 މިލިއަން ޔޫރޯ އަށް އެއްބަސްވެފަ އެވެ. އަދި އޭގެ އިތުރުން ކުރިން ބާސެލޯނާ ދޫކޮށްލިއިރު ކޯޓަށް ހުށަހެޅި 26 މިލިއަން ޔޫރޯގެ ބޯނަސް މައްސަލަ ދޫކޮށްލާ ގޮތަށް ވެސް ނޭމާ ވަނީ އެއްބަސްވެފަ އެވެ.

މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި މެޗަށް ފަހު އިންސްޓަަގްރާމްގައި ރެފްރީންނަށް ފާޑުކިޔުމުން ނޭމާ އަށް ވަނީ ތިން މެޗުގެ ސަސްޕެންޝަނެއް ދީފަ އެވެ. އަދި އޭގެ ފަހުން ފްރެންޗް ކަޕް ފައިނަލުން ބަލިވި މެޗަށް ފަހު ސަޕޯޓަރެއް ގައިގައި ނޭމާ ޖެހުމުން އެ ކަމަށް ވެސް ވަނީ ސަސްޕެންޝަނެއް އައިސްފަ އެވެ.

ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ދޫކޮށްލުމަށް ނޭމާގެ ރޭވުމެއް އޮތްކަމަށް ބުނެ، މަޝްހޫރު ފުޓްބޯޅަ އޭޖެންޓް ޕިނީ ޒަހާވީ ވަނީ މީގެ ކުރިން މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީއާ ގާތްގުޅުމެއް އޮންނަ ޒަހާވީ ވަނީ ރެފްރީންނަށް ސޯޝަލް މީޑިއާގައި ފާޑުކިއުމާއި ސަޕޯޓަރެއްގެ ގައިގައި ޖެހުމަކީ ޕީއެސްޖީ ދޫކޮށްލަން ރޭވިގެން ނޭމާ ކުރިކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

ދާދި ފަހުން ޕީއެސްޖީގެ ރައީސް ހެއްލާފީ ވަނީ އަހުލާގު ދަށް އަމަލުތަކެއް ފެންނަ ކުޅުންތެރިންނަށް ޕީއެސްޖީގައި ފުރުސަތެއް ނޯންނާނެ ކަމަށް ބުނެ ނޭމާ އަށް ނުސީދާ އިންޒާރެއް ދެއްވައިފަ އެވެ. މީގެ ދެ އަހަރު ކުރިން ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ގުޅުނު ނޭމާ އަލުން ބާސެލޯނާ އަށް ބަދަލުވަން ބޭނުންވާކަން އަދި ރަސްމީކޮށް ޕީއެސްޖީ އަށް ނާންގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ނޭމާ އަށް ޕީއެސްޖީން މިހާރު އަންގާފައިވަނީ އޭނާގެ ނިންމުން ކްލަބާ ހިއްސާކުރުމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން އޮތީ ނޭމާ ހޯދަން ކުރާ މަސައްކަތުގެ ތެރެއިން ފިލިއްޕޭ ކުޓީނިއޯ، އިވާން ރަކިޓިޗް އަދި އޮސްމާން ޑެމްބެލޭގެ ތެރެއިން އެއް ކުޅުންތެރިއަކު ދޫކޮށްލަން ތައްޔާރަށެވެ. އަދި ޕީއެސްޖީން ބޭނުންނަމަ އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ހޯދުމުގެ ރޭހުން ބާސެލޯނާ ބޭރުވާން ވެސް ތައްޔާރުކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ހިޔަނިން ނިކުމެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ވުމުގެ އުއްމީދުގައި ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަށް އެ ޓީމަށް ބަދަލުވި ފަހުން މާ ތަފާތު ކުޅުމެއް ނުދެއްކެ އެވެ. އެ ޓީމާ އެކު ފުރިހަމަކުރި ދެ ސީޒަނުގައި ވެސް ނޭމާ އަށް ވަނީ އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފަ އެވެ.

ކޮޕާ އެމެރިކާ އަށް ތައްޔާރުވުމުގެ ގޮތުން ބްރެޒިލުން ގަތަރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ނޭމާ އަށް އެ މުބާރާތް ވަނީ ގެއްލިފަ އެވެ. އަދި ޕެރިހަށް ބްރެޒިލްގެ އަންހެނެއް ގެންދިއުމަށް ފަހު އޭނާ ރޭޕްކުރިކަމުގެ ތުހުމަތުގައި ފުލުހުން އަންނަނީ ނޭމާގެ މައްސަލައެއް ވެސް ތަހުގީގުކުރަމުންނެވެ.