ޗެލްސީ ކޯޗުކަމާ ހަވާލުވާން ލަމްޕާޑް ނިންމައިފި
ޗެލްސީ ކޯޗުކަމާ ހަވާލުވާން ލަމްޕާޑް ނިންމައިފި

ލަންޑަން (ޖޫން 26) - ހުސްވެފައިވާ ޗެލްސީގެ ކޯޗުކަމާ ހަވާލުވާން އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ޑާބީ ކައުންޓީގެ ކޯޗު ފްރޭންކް ލަމްޕާޑް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ ކުރިން ލަމްޕާޑް ވަނީ ޗެލްސީ ކޯޗުކަމަށް އަންނަން އަދި އަވަސް ކަމަށް ބުނެފަ އެވެ. އެކަމަކު ޗެލްސީއާ މިދިޔަ އަހަރު ހަވާލުވި އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ ޔުވެންޓަސް އަށް ބަދަލުވުމުން ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ބޭނުންވީ ލަމްޕާޑް ގެންނާށެވެ. އަދި ލަމްޕާޑް ހުށަހެޅި ޝަރުތުތަކަށް އަބްރަމޮވިޗް ވަނީ އެއްބަސްވެފަ އެވެ.

ޗެލްސީއާ ހަވާލުވާން ލަމްޕާޑް ބޭނުންވަނީ ޓީމެއް ބިނާކުރަން އޭނާ އަށް ދެ ސީޒަން ދިނުމަށެވެ. އަދި ޒުވާން ކުޅުންތެރިން ކުރިއެރުވުމާއި މުސްތަގުބަލަށް ރަނގަޅު ޓީމެއް ބިނާކުރަން ކުރާ މަސައްކަތުގައި ޗެލްސީގެ ބޯޑުގެ އިތުބާރު އޮތްކަން ހާމަކުރުމެވެ.

މިދިޔަ އަހަރު މެއި މަހު ޑާބީއާ ހަވާލުވެ ލަމްޕާޑް ވަނީ އެ ޓީމާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ލީގު ކަޕްގައި މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި މޮޅުވިއިރު، އެ މުބާރާތް ނިމުނީ ޗެލްސީ އަތުން ބަލިވުމުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދުމަށް ޑާބީ ކުރި މަސައްކަތް ކާމިޔާބުނުވީ ޕްލޭއޮފް ފައިނަލުގައި އެސްޓަން ވިލާ އަތުން ބަލިވުމުންނެވެ.

ޑާބީން ވަނީ އުމުރުން 40 އަހަރުގެ ލަމްޕާޑް އެ ޓީމުގައި ބަހައްޓަން އޭނާގެ ކޮންޓްރެކްޓް އާ ކުރަން ވެސް މަޝްވަރާކޮށްފަ އެވެ. އެކަމަކު ލަމްޕާޑް އެ ގޮތަށް ބޭނުންނުވުމުން ޑާބީން މިހާރު ވަނީ އޭނާ އަށް ޗެލްސީއާ ރަސްމީކޮށް ވާހަކަ ދެއްކުމުގެ ހުއްދަދީފަ އެވެ. ބެލެވޭގޮތުގައި ލަމްޕާޑް ވަރަށް އަވަހަށް ޗެލްސީއާ ހަވާލުވާނެ އެވެ. އެއީ އަންނަ ހަފްތާގައި ޗެލްސީގެ ޕްރީ ސީޒަން ފަށަން ތާވަލްކޮށްފައި އޮތުމާ އެކު އެވެ.

ލަމްޕާޑަށް ޗެލްސީގައި ޓީމެއް ބިނާކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފީފާ އިން ދީފައިވާ އަދަބުގެ ސަބަބުން ކުޅުންތެރިޔަކު ގެނެވެން ނެތުމެވެ. ޗެލްސީގެ ތަރި އެޑެން ހަޒާޑް ރެއާލަށް ބަދަލުވެފައިވާއިރު، ޗެލްސީ އަށް ކުޅުންތެރިޔަކު ގެނެވެން ނެތުމަކީ އެ ޓީމަށް އޮތް ގެއްލުމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ޗެލްސީ އަށް 13 އަހަރު ކުޅެދިން ލަމްޕާޑްގެ އެހީތެރިންގެ ގޮތުގައި އޭނާއާ އެކު ކުރިން ކުޅުނު ބައެއް ކުޅުންތެރިން ޓެކްނިކަލް ސްޓާފުންގެ ގޮތުގައި ފެނިދާނެ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. ކުޅުން ހުއްޓާލުމަށް ފަހު ކީޕަރު ޕެޓަ ޗެކް ވަނީ ޗެލްސީގެ ޕާފޯމަންސް އެންޑް ޓެކްނިކަލް އެޑްވައިޒަރުގެ މަގާމާ ހަވާލުވެފަ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުން ލަމްޕާޑްގެ އެހީތެރިންގެ ގޮތުގައި ވޭން ބްރިޖް އާއި ޖޯ ކޯލް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.