25 ޖޫން 2019 - 21:47

ދުބާއީގެ ވަލީއަހުދު ޝައިޚް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ޗުއްޓީ އަށް ރާއްޖެ ވަޑައިގެން، އިންސްޓަގްރާމްގައި ޕޯސްޓްކުރެއްވި ހިތްގައިމު ފޮޓޯތަކާ އެކު، އޭނާ ހުންނެވި ރިސޯޓު ބަލަން ގޫގުލްގައި ސާޗްކުރުން ވަރަށް ބޮޑަށް މައްޗަށް ހިނގައްޖެ އެވެ.

"ފަޒާ" ގެ ނަމުން މަޝްހޫރުވެފައިވާ ޝައިޚް ހަމްދާން އޭނާގެ އިންސްޓްގްރާމްގެ އަށް މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން މިއަދު ސިއްސުވާލީ ރާއްޖޭގެ ރިސޯޓެއްގައި ނަގާފައިވާ ރީތި ފޮޓޯތަކުންނެވެ. އިންސްޓަގްރާމްގެ ސްޓޯރީގައި ހުރި ފޮޓޯތަކުން، ފަޒާ ހުންނެވީ ވެލާ ޕްރައިވެޓް އައިލެންޑްގައިކަން އެނގެ އެވެ.
އެއާ އެކު ފަޒާގެ ފޮލޯވަރުން ގޫގުލްގައި ސާޗްކުރަން ފެށީ ވެލާ ރިސޯޓަކީ ކޮންކަހަލަ ތަނެއްތޯ ބެލުމަށެވެ. ކޮންމެ ކޮންމެ ތަނެއްގައި ފަޒާ ޗުއްޓީ ހޭދަ ނުކުރައްވާނެކަން އެންމެންނަށް ވެސް އެނގެ އެވެ.
ޖާވިދް ޚަތުރީ ކިޔާ މީހަކު ވަނީ ގޫގުލްގައި ވެލާ ރިސޯޓް ސާޗްކުރުމަށް އައި ބަދަލު ބަލައި، ޓްވިޓާގައި އެ މައުލޫމާތު ހިއްސާކޮށްފަ އެވެ. އެ މައުލޫމާތުން ދައްކާ ގޮތުން ފަޒާ ހުންނެވީ ވެލާގައިކަން އެނގުމާ އެކު، ވެލާ ރިސޯޓަށް ގޫގުލް ސާޗްކުރުން ކުއްލިއަކަށް ވަރަށް ބޮޑަށް މައްޗަށް ދިޔަ އެވެ.
އަބަދުވެސް އެޑްވެންޗާއެއްގައި އުޅުއްވާ ފަޒާ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި އެވެ. އަދި އޭނާގެ ސޯޝަލް މީޑިއާ ފޮލޯވަރުން ވެސް ފޯރި ނަގަ އެވެ.
ރާއްޖޭގައި އޮންނަ އެންމެ މަތީ ފެންވަރުގެ އެއް ރިސޯޓް ކަމަށްވާ ވެލާގައި، ފަޒާ ނަންގަވާފައިވާ ވީޑިއަކުން ފެންނަނީ މޫދުގައި އުޅުއްވަނިކޮށެވެ. އަދި ފަޒާގެ ބޮޑުބޭބެ ސައީދު ވެސް ވީޑިއޯ އިން ފެނެ އެވެ.