ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އަށް އިތުރުކުރަން ހުށަހަޅަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އަށް އިތުރުކުރަން ހުށަހަޅަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން ގާނޫނަށް އިސްލާހަށް ހުށަހަޅަން ނިންމައި، ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅަން ނިިންމާފައިވާ ކަމަށެވެ. އެ ބިލަކީ އެންމެ އިސްކަމެއް ދީގެން ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލްތަކުގެ ތެރޭގައި ހިމެނޭ ބިލެއް ކަމަށް ރިފްއަތު ވިދާޅުވި އެވެ.

"މި ހަފުތާގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނަން." ރިފްއަތު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކުރަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ނިންމިއިރު، މިއީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަށް ބަދަލު އަންނަ ހަތަރު ވަނަ ފަހަރެވެ. ގާނޫނު އަސާސީގެ ދަށުން އިންތިގާލީ މަރުހަލާގައި ފުރަތަމަ އެކުލަވާލި ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އޭގެފަހުން 2010 ވަނަ އަހަރު ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިއިރު ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރުމަށް ފަހު 2014 ގައި ވަނީ ގާނޫނަށް އިސްލާހު ގެނެސް އަނެއްކާވެސް ބެންޗުގެ އަދަދު ފަހަކަށް ދަށްކޮށްފަ އެވެ.

އެންމެ ފަހުން ބެންޗުގެ އަދަދު މަދުކުރަން ގެނައި އިސްލާހުގެ ދަށުން އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ މަގާމުން ދުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.