ހިޔާނާތާ ގުޅިގެން ބީއެމްއެލްގެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
ހިޔާނާތާ ގުޅިގެން ބީއެމްއެލްގެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 4.9 މިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވި މައްސަލައިގައި ސަސްޕެންޑް ކުރި ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

މި ދެ މުވައްޒަފުންނަކީ ދެމަފިރިންނެވެ. މިހާރަށް މިކަން ކަށަވަރުވެފައިވާ އިރު ބީއެމްއެލްއިން ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފަކު ފައިސާ އަށް ހިޔާނަތްތެރިވި މައްސަލަ، މިދިޔަ ޖެނުއަރީ މަހު ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށެވެ.

އެ ބޭންކުގެ އިންޓާނަލް އޮޑިޓް ޑިވިޝަނުން މިހާރު މި މައްސަލަ ބަލައި ނިންމާފައިވާ އިރު ޒިންމާވާން ޖެހޭ މުވައްޒަފުންނާ މެދު ވަނީ ފިޔަވަޅު އަޅާފަ އެވެ. މީގެ ތެރޭގައި ވަޒީފާއިން ވަކި ކުރުމާއި އެހެނިހެން އިދާރީ ފިޔަވަޅުތައް ވެސް ހިމެނެ އެވެ.

ބީއެމްއެލް އިން ބުނީ ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލްތައް ވެސް މިހާރު ގާއިމް ކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފު އަމަލެއް ކޮށްފި ނަމަ އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ އަދިވެސް މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ބޭންކްގެ ދެ މުވައްޒަފުންނަށް ތުހުމަތު ކުރެވޭ، މި މައްސަލައިގައި ހިޔާނާތްތެރިވެފައި ވަނީ ކަސްޓަމަރުން ޑިޕޮސިޓް ކޮށްފައިވާ ފައިސާއަކަށް ނޫނެވެ. އެއީ ބީއެމްއެލްގެ އޮޕަރޭޝަންތަކަށް ބޭނުންކުރާ ފައިސާތަކެއް ކަމަށް ވެ އެވެ.