ޝާހިދު ކަޕޫރްގެ އަލަތު ފިލްމު "އިޝްގް ވިޝްގް" ގެ ދެވަނަ ބައި ކޮއްކޮ އިޝާނަށް
ޝާހިދު ކަޕޫރްގެ އަލަތު ފިލްމު "އިޝްގް ވިޝްގް" ގެ ދެވަނަ ބައި ކޮއްކޮ އިޝާނަށް

ޝާހިދު ކަޕޫރް ބޮލީވުޑަށް ތައާރަފުވި 2003 ގެ ފިލްމު "އިޝްގް ވިޝްގް" ދެވަނަ ބައެއް ހަދަން ނިންމާފައިވާކަން ފިލްމުގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ އިއުލާން ކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

އޭނާ ބުނި ގޮތުގައި ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ފިލްމާ ބެހޭ އެންމެ ފަހުގެ ޚަބަރުތުތައް ބުނާ ގޮތުން "އިޝްގް ވިޝްގް" ގެ ދެވަނަ ބައިގެ ބަތަލުގެ ރޯލް ވަނީ ޝާހިދުގެ އެއްބަނޑު ކޮއްކޮ އިޝާން ޚައްތަރު އަށް ހުށަހަޅައިފަ އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ކޮލެޖް ޒުވާނުންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމަކަށްވާތީ "އިޝްގް ވިޝްގް" ގެ ދެވަނަ ބަޔަށް އިޝާންއަކީ ވަރަށް ފިޓްވާ އެކްޓަރަކެވެ. އަދި އޭނާއަކީ ޝާހިދު ގޮތަށް ނަށަން ވެސް މޮޅު އެކްޓަރަކަށްވާތީ، ފިލްމުގެ ބަތަލުގެ ރޯލަށް އިޝާން ވަރަށް ފިޓްވާ ކަމަށް އެ ފިލްމުގެ ޓީމުގެ މީހަކާ ހަވާލާދީ ޕިންކްވިލާ އިން ބުންޏެވެ.

އެ ނޫހުން ބުނި ގޮތުގައި މި ސަބަބުތަކާ ހުރެ ފިލްމުން އިޝާން ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ރަމޭޝް ކުރިން ބުނެފައިވާ ގޮތުގައި "އިޝްގް ވިޝްގް" އަށް ކާސްޓުން ހަމަޖައްސާނީ ސްކްރިޕްޓް އެއްކޮށް ނިމުމުންނެވެ. އަދި ފިލްމުން ފެނުން ގާތީ ވެސް އާ އެކްޓަރުންތަކެއް ބުނެފައިވެ އެވެ.

ނަމަވެސް "އިޝްގް ވިޝްގް" ދެވަނަ ބައިގެ ވާހަކަ ތިލަވެގެން އައި ދުވަސްކޮޅު ބައެއް މީޑިއާތަކުން ވަނީ ފިލްމުގެ ބަތަލުގެ ރޯލް ރަމޭޝް އަށް ބޮޑުބޭބެ ކިޔާ ގިރިޝް ކުމާރު ތައުރާނީ އަށް ހުށަހަޅައިފައިވާ ކަމަށް ވެސް ބުނެފަ އެވެ. އެކަމަކު އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ.

އިޝާން އަކީ މިދިޔަ އަހަރު ފިލްމު ކުޅެން ފެށި އެކްޓަރެކެވެ. އޭނާގެ އަލަތު ފިލްމަކީ އިރާންގެ ޑައިރެކްޓަރު މާޖިދު މާޖިދީ ގެނެސް ދިން "ބިޔޯންޑް ދަ ކްލައުޑްސް" އެވެ. އެކަމަކު ގިނަ ބަޔަކަށް އިޝާން ފާހަގަ ކުރެވިގެން ދިޔައީ ސްރީދޭވީ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރްގެ އަލަތު ފިލްމު "ދަޅަކް" އިންނެވެ.

އެ ދެ ފިލްމަށް ފަހު އިޝާން، 23، ދެން ކުޅޭނެ ފިލްމެއް މިހާތަނަށް އިއުލާންކޮށްފައެއް ނުވެ އެވެ.

ކެން ކޯޝް ޑައިރެކްޓް ކުރި "އިޝްގް ވިޝްގް" ގައި ޝާހިދާ އެކު ބަތަލާގެ ރޯލްތައް ކުޅުނީ މިހާރު ހާލަކުން ފަހަރަކު ފިލްމުތަކުން ފެންނަ އަމްރިތާ ރާއޯ އާއި ޝެނާޒް ޓްރެޝަރީ އެވެ.