25 ޖޫން 2019 - 14:42

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީގެ ޚަބަރެއް ނުވާތީ އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ލުތުފީ، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އުޒުރުވެރިވެފައިވާ ކަމަށެވެ. ކޮމިޓީގެ ގިނަ މެމްބަރުން ތާއީދުކުރެއްވީ ވެސް ލުތުފީ މަގާމުން ވަކިކުރުމަށެވެ.
ލުތުފީގެ ޚަބަރެއް ނުވާތާ ދެ މަސްވެފައިވާ ކަމަށާއި އެކަމަކު ބަރާބަރަށް މުސާރަ ނަންގަވާ ކަމަށް އޭސީސީގެ މެމްބަރުން މިދިޔަ ބުދަ ދުވަހު ވަނީ ވިދާޅުވެފަ އެވެ. އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ލުތުފީ ވީ ތަނެއް ކޮމިޝަންގެ މެމްބަރުންނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ކޮމިޝަންގެ އެއްވެސް ބައްދަލުވުމަކަށް ވަޑައިނުގަންނަވާ އިރު އޮފީހަށް ވަޑައިނުގެން ލުތުފީ މުސާރަ ނަންގަވާ މައްސަލައިގައި ކޮމިޝަންގެ މެމްބަރުން މަޝްވަރާކުރެއްވި ކަމަށް މުއައްވިޒު ވިދާޅުވި އެވެ. އެކަމަކު، ގާނޫނުގައިވާ ގޮތުން އެ ކޮމިޝަނަށް އެއްވެސް ފިޔަވަޅެއް އެޅެން ނެތް ކަމަށް ވެސް މުއައްވިޒު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ރަސްމީ ޗުއްޓީއެއް ނެންގެވުމަށް ފަހު، އޮފީހަށް ވަޑައިނުގަންނަވާ އިރު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ލުތުފީއާ ދެކޮޅަށް ފުލުސް އޮފީހަށް މައްސަލަ ހުށަހެޅީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެ މައްސަލައިގައި ތުހުމަތު ކުރަނީ ލުތުފީ އާއި އިތުރު ބަޔަކު ބައިވެރިވެގެން މަނީ ލޯންޑަރިން ހިންގި ކަމަށެވެ.
ލުތުފީގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކުން ދިފާއުކޮށްދޭން ގާނޫނާ ޚިލާފަށް ލުތުފީ އަމަލުކުރެއްވި ކަމަށް ތުހުމަތު ކުރެ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލަން އޭސީސީން ހިންގި ތަހުގީގުގައި ވެސް ލުތުފީ އަމަލުކުރެއްވީ އެއް ބަޔަކު ތުހުމަތުކުރާ ގޮތުގައި، ކޮރަޕްޝަންގެ ތުހުމަތުތަކުން ޔާމީނަށް ސަލާމަތްވެވޭނެ މަގު ފަހިވާ ގޮތަށެވެ.