25 ޖޫން 2019 - 17:17

ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން ވަކިކުރަން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ސޮފްވާން ވަކިކުރަން ނިންމީ، ގިނަ ދުވަސްތަކެއް ވަންދެން ކޮމިޝަނަށް ހާޒިރުވެވަޑައިގެންފައި ނުވާތީ އެވެ. ސޮފްވާންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީގެ އެއްވެސް ޚަބަރެއް ނުވާތާ ދެ މަސްވެފައިވާތީ އޭނާ ވެސް ވަކިކުރަން ކޮމީޓީން ވަނީ ނިންމައިފަ އެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ވިދާޅުވީ ބްރޯޑްކޮމްގެ މެމްބަރުންނާ ހަވާލުކުރެއްވިފައި އޮތް އެއްވެސް މަސްއޫލިއްޔަތެއް އެންމެ ފުރިހަމަ އަށް އަދާކުރެއްވިފައި ނެތް ކަމަށެވެ. ސޮފްވާން މަގާމުން ވަކިކޮށްފައި، ދެން ތިއްބެވި މެމްބަރުން މަގާމުގައި ދެމިތިއްބެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.
"ވައިބާ ގްރޫޕަކުން ކޮމިޝަންގެ ބައްދަލުވުން ނިންމާލާފައި ހުރިހާ މެމްބަރުން މުސާރަ ނަންގަވައިގެން ތިއްބަވަނީ. މީގެކުރިން އެ ބޭފުޅުން އަމަލުކޮށްފައި ވަނީ އިންސާފުވެރިކަމާ އެކު އެއް ނޫން. އެ ބޭފުޅުން ކޮމިޓީ އަށް ހާޒިރު ކުރިއިރު، އިއުތިރާފްވެވަޑައިގަންނަވާ ސިޔާސީ ނުފޫޒު ވަދެފައިވާކަން،" ވިސާމް ވިދާޅުވި އެވެ.
އެހެންވެ، ވިސާމް ހުށަހެޅުއްވީ ބްރޯޑްކޮމްގެ ހުރިހާ މެމްބަރުން ވަކި ކުރެއްވުމަށެވެ.
ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ބްރޯޑްކޮމްގެ މެމްބަރުން ގާނޫނީ ޒިންމާ އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު، މެމްބަރުން ވަކިކުރުމުގެ ކުރިން ގާނޫނުގައި ބުނާ އިޖުރާއާތުތައް ފުރިހަމަ ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ވަކިވަކި މެމްބަރުން ކޮމިޓީ އަށް ހާޒިރުކޮށްގެން ސުވާލުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިއު ޕްރޮސެސްއާ އެއްގޮތަށް މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވަކިކުރަން ފަށައިފި ނަމަ، މުސްތަގުބަލުގައި ދިމާވާނެ ކަންކަން މާ ގޯސް ވާނެ،" އުޝާމް ވިދާޅުވި އެވެ.
އުޝާމްގެ ވާހަކަތަކަށް ތާއީދު ކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތެއް ވެސް ލިބެން ވާނެ ކަމަށެވެ. އަދި ކޮމިޝަންގެ މެމްބަރުން ވަކިވަކިން ކޮމިޓީ އަށް ހާޒިރުކުރުމަށް ފަހު، ވީހާވެސް އަވަހަކަށް މެމްބަރުންނާ މެދު ގޮތެއް ނިންމުމަށް ތާއީދުކުރައްވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
މި ވާހަކަތަކާ ގުޅިގެން ކޮމިޝަންގައި ދެން ތިއްބެވި މެމްބަރުންނާ މެދު އަދި ގޮތެއް ނުނިންމަވަ އެވެ. އެކަމަކު، އެ މެމްބަރުންގެ މައްސަލަތައް ތަހުގީގުކުރަން ސަބް ކޮމިޓީއެއް ވަނީ އެކުލަވާލައިފަ އެވެ.
ސޮފްވާން ވަކިކުރަން ކޮމިޓީން ނިންމިޔަސް، މަޖިލިހުގެ ތަޅުމަށް އެ މައްސަލަ ހުށަހަޅައިގެން ފާސް ކުރަން ޖެހެ އެވެ. މަޖިލިހުގައި އެމްޑީޕީ އަށް ބޮޑު އަޣުލަބިއްޔަތެއް އޮތުމާއި، ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ގިނަ މެމްބަރުން ސޮފްވާން ވަކިކުރަން ވޯޓު ދެއްވާފައިވާތީ ތަޅުމުގައި ނަގާ ވޯޓުގައި ވެސް މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ސޮފްވާން މެމްބަރު ކަމުން ވަކިކުރާނެ ކަމަށް ބެލެވެ އެވެ.
ސޮފްވާނާ ގުޅޭ ގޮތުން އެކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް މިދިޔަ ބުދަ ދުވަހު ވިދާޅުވީ ސޮފްވާން އޮފީހަށް ވަޑައިނުގަންނަވާތާ އަށެއްކަ މަސް ވެއްޖެ ކަމަށެވެ. އަދި އޭނާ އުޅޭތަނެއް މިހާރު އެކޮމިޝަނަށް ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު، ސޮފްވާނަށް ބަރާބަރަށް މުސާރަ ލިބިވަޑައިގަންނަވަ އެވެ.
މިދިޔަ ސެޕްޓެމްބަރު 17 ވަނަ ދުވަހު ޝަހީބް އޮފީހުގެ ކޮޓަރީގައި "ރަހީނުކޮށް"، އިސްތިއުފާ ދެއްވުމަށް ސޮފްވާން މަޖުބޫރުކުރެއްވި ކަމަށް ބުނާ މައްސަލަ ޝަހީބް ވަނީ ފުލުހުންނަށް ހުށަހަޅުއްވައިފަ އެވެ. ސޮފްވާން ކުރީ ޓެރަރިޒަމްގެ އަމަލަކަށް ވާއިރު ފުލުހުން އޭނާގެ ބަޔާން ނެގުމުގެ އިތުރުން ފިޔަވަޅެއް އަޅާފައި ނުވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ޝަހީބް ވިދާޅުވި އެވެ.