މަޖިލީހުގެ ރައީސް، އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރައްވައިފި
މަޖިލީހުގެ ރައީސް، އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ނަޝީދާއި އުއްތަމަ ފަނޑިޔާރު މިއަދު ބައްދަލު ކުރެއްވީ މަޖިލިސް އިދާރާގަ އެވެ. އެކަމަކު އެ ބައްދަލުވުމާ ގުޅޭ ތަފްސީލުތައް މަޖިލީހުން އަދި ހާމައެއް ނުކުރެ އެވެ.

ނަޝީދާއި އުއްތަމަ ފަނޑިޔާރު ބައްދަލު ކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަނަށް ފަހު އެ މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ސުޕްރީމް ކޯޓުގެ އިތުރުން މަޖިލީހާ ދެމެދު ޚިޔާލު ތަފާތުވުންތައް އުފެދިފައި ވަނިކޮށެވެ.

ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަނަށް އަމަލުކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް ނާޅަން ސުޕްރީމް ކޯޓުން އަމުރު ނެރުނަސް ޖޭއެސްސީން އެ އަމުރު ގަބޫލެއް ނުކުރި އެވެ. އެކަމުގައި ޖޭއެސްސީން ނިންމި ނިންމުމަށް މަޖިލީހުން ވަނީ ތާއީދުކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ހުރި ނަމަ އެ މައްސަލަތައް ބަލައިދޭން އެދި މަޖިލީހުން ވަނީ ޖޭއެސްސީގައި ވެސް އެެދިފަ އެވެ.