25 ޖޫން 2019 - 14:21

ގަލްފް އެއާގެ ދަތުރުތައް އޮކްޓޫބަރު މަހު ރާއްޖެ އަށް ފަށާނެ ކަން އިއުލާނުކޮށްފި އެވެ.
ބަހްރެއިންގެ ގައުމީ އެއާލައިން ގަލްފް އެއާގެ ދަތުރުތައް އޮކްޓޫބަރު 26 ގައި ފެށުމަށް ހަމަޖެހިފައިވާ އިރު ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާގެ ކޮލަމްބޯގައި ޓްރާންސިޓް ކޮށްފަ އެވެ.
އެގޮތުން 26 ވަނަ ދުވަހުގެ ރޭ 11:20 ގައި ބަހްރެއިން އިންޓަނޭޝަނަލް އެއާޕޯޓުން ކޮލަމްބޯ އަށް ދާނެ އެވެ. އަދި ހެނދުނު 6:25 ގައި ކޮލަމްބޯ އަށް ޖެއްސުމަށް ފަހު، 7:25 ގައި ރާއްޖެ އަށް ފުރާނެ އެވެ. ރިޓާން ފްލައިޓްގެ ދަތުރު އެ ދުވަހުގެ ހަވީރު 4:55 ގައި ފަށާނެ އެވެ.
ގަލްފް އެއާގެ ސީއީއޯ ކްރެސިމިރް ކޯކޯ ވިދާޅުވި ގޮތުގައި، އިތުރު މަންޒިލަކަށް ގަލްފް އެއާގެ ދަތުރުތައް ފެށުމަކީ އެއެއާލައިނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ގަލްފް އެއާ އިން ރާއްޖެ އަށް ދަތުރު ކުރުމަށް ބޭނުންކުރާނީ އެއާބަސް އޭ230 ނިއޯ މަރުކާގެ ބޯޓެކެވެ. މިއީ އެ ކުންފުނީގެ އެއާބަސް މަރުކާގެ ތިން ވަނަ ބޯޓެވެ. އެ ކުންފުނީގެ އަމާޒަކީ 2023 ވަނަ އަހަރު އަންނައިރު ދަތުރުތަކުގައި އެއާބަސްގެ 12 ބޯޓެއް ބޭނުންކުރުމެވެ.
މިމަހުގެ 17-18 އަށް ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި، ބަހްރެއިން އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު އަބްދުއްރަހުމާން މުހައްމަދު އަލް ގައުދު ވިދާޅުވީ، ގަލްފްއެއާގެ ދަތުރުތައް ފެށުމުގެ އިތުރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ބަހްރެއިން ސަރުކާރާއި އެ ގައުމުގެ އަމިއްލަ ވިޔަފާރިވެރިން ވެސް ޝައުގުވެރިކަން އެބަހުރި ކަމަށެވެ.
ގަލްފްއެއާގެ ދަތުރުތައް ފަށާއިރު ވޭތުވެދިޔަ އަހަރުތަކުގައި މެދުއިރުމަތިން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު 53،000 ޓޫރިސްޓުން މެދުއިރުމަތިން ރާއްޖެ އައިސްފައިވެ އެވެ. އަދި މި އަހަރުގެ މެއި މަހުގެ ނިޔަލަށް މެދުއިރުމަތިން 19،994 ޓޫރިސްޓުން އައިސްފައިވެ އެވެ.
ގަލްފްއެއާއިން މިހާރު ވެސް 28 ގައުމެއްގެ 50 މަންޒިލަކަށް އަންނަނީ ދަތުރުކުރަމުންނެވެ.