25 ޖޫން 2019 - 15:37

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) މިހާރު ހިންގަމުން އަންނަ އިމާރާތް ބާވުމުގެ ސަބަބުން އެ އޮފީސް އާ އިމާރާތަކަށް ބަދަލުކުރަން ނިންމައި، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ޑީޕީއީގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވީ ޑީޕީއީ އަކީ އެތައް ދަރިވަރުންނަކާއި ބެލެނިވެރިންނަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ތަނެއް ކަމަށެވެ. އެހެންކަމުން އެ އޮފީހަށް އެކަށީގެންވާ އިމާރާތެއް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގެ ބާޒާރުމަތީގައި ހުންނަ އެޑިޔުކޭޝަން މިނިސްޓްރީގެ އިމާރާތެއް ކަމަށްވާ، ފިލާ ބިލްޑިންގަށް ޑީޕީއީ ބަދަލުކުރީ މީގެ 10 އަހަރު ކުރިންނެވެ. ފުރަތަމަ އެ އޮފީހަށް ދިނީ އެ އިމާރާތުގެ ތިން ބުރި އެވެ. ނަމަވެސް މަސައްކަތް ފުޅާވުމުން ފަހުން އިތުރު ދެ ބުރި ދިނެވެ.
ޑީޕީއީ ބަދަލުކުރަނީ ސީއެޗުއެސްއީ ހުންނަ ލިލީމަގުގައި ހަދަމުން އަންނަ ނިރުޝާ ގޭގެ ތިން ބުރި އަށެވެ. މިއަދު އޮތް އެއްބަސްވުމުގައި އެ އިމާރާތުގެ ވެރިފަރާތް އަހުމަދު ޝިޔާޒް، މ. ތުރީފްލާވާސް އާއި ޑީޕީއީގެ ޑައިރެކްޓަރު މުހައްމަދު އާޒިމް އަބްދުލް ހާދީ (އާޒިމްބެ) ސޮއިކުރެއްވި އެވެ.
އާޒިމްބެ ވިދާޅުވީ އެހެން ތަނަކަށް ޑީޕީއީ ބަދަލުކުރަނީ ފިލާ ބިލްޑިން ހަލާކުވަމުން ދާތީ ކަމަށެވެ. ތަން މަރާމާތުކުރަން އުނދަގޫ ވުމާއި ތަނުގެ ހާލަތު ހުރި ގޮތުން މަސައްކަތް ކުރަން ވެސް ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމްބެ ވިދާޅުވި ގޮތުގައި އުއްމީދަކީ ޑީޕީއީގެ 30 ވަނަ އަހަރީ ދުވަސް ކަމަށްވާ ސެޕްޓެމްބަރު 1 ގެ ކުރިން އާ އިމާރާތަށް ހިދުމަތް ބަދަލުކުރުމެވެ.
"އިރާދަކުރެއްވިއްޔާ އަންނަ ސެޕްޓެމްބަރު އެކެއްގައި އަޅުގަނޑުމެންގެ ހިދުމަތްތައް ލިބޭނީ އާ އިމާރާތުން،" އާޒިމްބެ ވިދާޅުވި އެވެ.
އޭނާ ވަނީ އާ އިމާރާތަކަށް ޑީޕީއީ އޮފީސް ބަދަލުކުރަން ސަރުކާރުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރަައްވައިފަ އެވެ.