25 ޖޫން 2019 - 13:08

ޖަރްކަންދު (ޖޫން 25) - ހިންދޫންގެ ގްރޫޕަކުން އަނިޔާކޮށް މުސްލިމަކު މަރާލުމާ ގުޅިގެން އިންޑިއާ ފުލުހުން ފަސް މީހުން ހައްޔަރުކޮށްފި އެވެ.
ތަބްރޭޒީ އަންސާރީ، 24، މަރުވީ އިރުމަތީގެ ޖަރްކަންޑް ސްޓޭޓުގެ ގެއަކުން ސައިކަލެއް ވަގަށް ނެގި ކަމަށް ތުހުމަތުކޮށް ބަޔަކު އަނިޔާ ކުރުމުން ލިބުނު ޒަޚަމްތަކުގަ އެވެ. އަނިޔާކުރަމުން ދިޔަ އިރު އަންސާރީ އަށް ވަނީ ހިންދޫ ކަލާނގެ އަށް ތައުރީފްކޮށް ބަސްތައް ބުނުމަށް މަޖްބޫރުކޮށްފަ އެވެ. އެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފަ އެވެ.
އަންސާރީގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އޭނާ އަށް ފަރުވާ ދިނުމުގައި ފުލުހުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ.
އަންސާރީގެ އަންހެނުން ޝަހިސްތާ ޕަރްވީން ބީބީސީ އަށް ބުނީ ކަރަންޓް ހޮޅިދަނޑިއެއްގައި އަންސާރީ ބަނދެފައި އެއްރޭ ވަންދެން ބެހެއްޓި ކަމަށެވެ. އަދި ފުލުހުންނަށް ހަވާލުކުރީ އަނެއް ދުވަހު ކަމަށް އޭނާ ބުންޏެވެ. ހޮސްޕިޓަލަށް ގެންދިޔައީ ހަތަރު ދުވަސް ފަހުން ކަމަށް ވެސް އޭނާ ބުންޏެވެ. ޕަރްވީން ބުނީ އަންސާރީ އަށް އަނިޔާކުރީ ހިންދޫ ކަލާނގެ އަށް ތައުރީފްކޮށް ވާހަކަ ދައްކަން ދެކޮޅު ހެދުމުން ކަމަށެވެ.
ޖަރްކަންދު ސްޓޭޓުގައި މުސްލިމުންނަށް އަނިޔާކުރުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ ހިންގައިފަ އެވެ.