27 ޖޫން 2019 - 07:42

ޖަރުމަނުގެ ކުރީގެ މަޝްހޫރު ޓެނިސް ތަރި ބޮރިސްގެ ބެކާގެ ބޮލުގައި އެޅިފައިވާ ދަރަނިތަކަކުން ސަލާމަތްވާން، އޭނާގެ އަތުގައި ހުރި ގިނަ އަދަދެއްގެ "ކުޅިވަރު ހަނދާންތައް" ނީލަމެއްގައި ވިއްކައިލަން ހުޅުވާލައިފި އެވެ.
ޖަރުމަންގެ އޮކްޝަން ހައުސް ވައިލްޒް ހާޑީއާ އެންޑް ކޯއާ ގުޅިގެން ހޯމަ ދުވަހު ފެށި ނީލަން އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.
ނީލަމުގައި ވިއްކައިލާ ތަކެތީގެ ތެރޭގައި ޓެނިހުން ބޮރިސް މިހާތަނަށް ހޯދާފައިވާ ޓްރޮފީ އާއި މެޑެލާއި ތައްޓާއި އޭނާގެ އަތުގައި ހުރި ގިނަ އަދަދެއްގެ ގަޑި އާއި ފޮޓޯގެ އިތުރުން ވެސް އަގުހުރި އެތައް ސްވެނިއާއެއް ހިމެނެ އެވެ. ތަކެތީގެ އަދަދު 82 އަށް އަރަ އެވެ.
ބެކާގެ ބޮލުގައި އެޅިފައިވާ ދަރަނީގެ ތެރެއިން ސްޕެއިނުން ގަތް ވިލާއަކަށް ދައްކަން ދައްކަން ޖެހޭ ފައިސާ އާއި 2018 ގައި އޭނާގެ ގާތުން ވަރިވި ނެދަލަންޑަށް ނިސްބަތްވާ އަންހެނުން ލިލީގެ ވަރީގެ މައްސަލާގައި ދައްކަން ޖެހޭ ފައިސާ އާއި ޓެކްސް ނުދައްކައިގެން ޖޫރިމަނާ އެކު ދައްކަން ޖެހޭ އެތައް މިލިއަން ޔޫރޯއެއް ހިމެނެ އެވެ.
މީޑިއާތަކުން ބުނީ ޓެނިސް ކެރިއަރުގައި ލިބުނު ގިނަ ތަކެތި ބެކާ ވިއްކާލައިގެން ދަރަނި ދައްކަން ފައިސާ ހޯދި ނަމަވެސް، ދަރަނި އެއްކޮށް ދެއްކޭ ވަރުގެ އާމްދަނީއެއް ނީލަމުން ނުލިބޭނެ ކަމަށެވެ.
މިހާރު އުމުރުން 51 އަހަރުގެ ބެކާގެ ޓެނިސް ކެރިއަރުގައި 49 މުބާރާތެއް ކާމިޔާބުކޮށް، 20 މިލިއަން ޔޫރޯ (23 މިލިއަން ޑޮލަރު) ފައިސާގެ އިނާމުގެ ގޮތުގައި ހޯދާފައިވެ އެވެ.
ހަ ފަހަރަށް ގްރޭންޑް-ސްލޭމް ވެސް ކާމިޔާބުކޮށްފައިވާ އަދި ވަނަމަކަށް "ބޫމް ބޫމް" ގެ ނަމުން މަޝްހޫރުވި ބެކާ މިހާރު ބޮޑަށް ހަރަކާތްތެރި ވަނީ ޓެނިސް ކޮމެންޓަރީގަ އެވެ.