25 ޖޫން 2019 - 11:14

އެންމެ މަތީ ދެ ކޯޓު ފިޔަވައި އެހެން ކޯޓުތަކުގައި ތިބޭ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުން ފަދަ ބާރުތަކާ އެކު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުކުރަން ރައްޔިތުންގެ މަޖިލިހަށް މިއަދު ބިލެއް ހުށައަޅައިފި އެވެ.
ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ގާނޫނީ ވަކީލް މޫސާ ސިރާޖު ހުށަހެޅުއްވި އިސްލާހަކީ އެޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް އެމްޑީޕީން ތައްޔާރުކުރި "އެޖެންޑޭ19"ގައި ހިމަނާފައި އޮތް ބަޔަކާ ދާދި އެއްގޮތް ބަދަލެކެވެ.
ޝަރުއީ ދާއިރާގެ އިދާރީ އޮނިގަނޑަށް ގެންނާނެ އެއް ބަދަލެއްގެ ގޮތުގައި "އެޖެންޑާ19"ގައި ބުނެފައި ވަނީ ޑީޖޭއޭ ހަމަޖައްސާނީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން ހިންގާ ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ކަމަށެވެ.
ޖޭއެސްސީގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި ސިރާޖު ހުށައެޅުއްވި ބިލްގައި ވެސް އޮތީ އާ ޑީޖޭއޭ ހިންގާނީ ޗީޕް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން ކަމަށެވެ. ނަމަވެސް "އެޖެންޑާ19"ގައި ބުނެފައިވާ ގޮތާ ހިލާފަށް ޑީޖޭއޭ ދަނީ ޖޭއެސްސީގެ ދަށަށެވެ. އެމްޑީޕީގެ މެނިފެސްޓޯގައި، ޖޭއެސްސީގެ ދަށުން ހިންގާ ތަނެއްގެ ގޮތަށް ޑީޖޭއޭ ހަމަޖައްސާނެ ވާހަކައެއް ނެތެވެ.
މިހާރުގގެ ޑީޖޭއޭ ހިންގަމުން އަންނަނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ.
އާންމު އިންތިހާބުގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މައްޗަށް ކާމިޔާބު ހޯއްދެވި ސިރާޖު ހުށަހެޅުއްވި އިސްލާހު ގާނޫނަކަށް ބަދަލުވާ ހިނދުން ފެށިގެން މިހާރުގެ ޑީޖޭއޭ އުވޭނެ އެވެ. އަދި އެތަނުގެ ހުރިހާ މުވައްޒަފުންނާއި މަސައްކަތްތައް އާ ޑީޖޭއޭ އަށް ބަދަލުވާނެ ކަމަށް ބިލްގައިވެ އެވެ.
އާ ޑީޖޭއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި އިދާރީ މުވައްޒަފުންގެ ވަޒީފާއާ ބެހޭ ކަންކަން އެ ކޯޓެއްގެ ރަޖިސްޓްރާ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން ހިމެނެ އެވެ.
ކޯޓުތަކަށް އިދާރީ މުވައްޒަފުން އައްޔަން ކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި އިދާރީ ފިޔަވަޅު އެޅުމާއި ވަކި ކުރުމުގެ ބާރު އެ ބިލްގައި ޑީޖޭއޭ އަށް ވަނީ ދީފަ އެވެ.
ޖޭއެސްސީން ކަނޑައަޅާ އުސޫލަކުން ފަނޑިޔާރުންނަށާއި ޖޭއެސްސީގެ މެމްބަރުންނާއި ކޮމިޝަންގެ މުވައްޒަފުންނާއި ޝަރުއީ ދާއިރާ އަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި ތާޒާ ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމުގެ ޒިންމާ ވެސް ބިލްގައި ޑީޖޭއޭއާ ހަވާލުކުރެ އެވެ.
އިސްލާހުގައި ވަނީ އެކިއެކި ޖުޑީޝަލް ދާއިރާތަކުގެ މައްސަލަތައް ނުނިމި ލަސްވުމުގެ ސަބަބުން ނުވަތަ އެ ދާއިރާއެއްގައި މެޖިސްޓްރޭޓުން މަދުވުމުގެ ސަބަބުން މައްސަލަ ބެލުން ލަސްވާ ނަމަ، ޖޭއެސްސީން ކަނޑައަޅާ އުސޫލަކުން ރަށްރަށަށް ފޮނުވަން ޖެހޭ ޝަރުއީ ވަފްދުތައް ފޮނުވުމުގެ އިދާރީ ކަންކަން ހަމަޖެއްސުމުގެ ބާރު ވެސް ޑީޖޭއޭ އަށް ލިބޭ ކަމަށެވެ.
ފަނޑިޔާރުންނަށް ޗުއްޓީ ދިނުމުގެ ބާރު ވެސް ބިލުން ދީފައި އޮތީ ޑީޖޭއޭ އަށެވެ.
ބިލްގައި ވާ ގޮތުން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް ވަކިކުރާނީ ޖޭއެސްސީންނެވެ.