ސަލާހު ބާސެލޯނާ އަށް ކުޅެން ޖެހޭ: އެޓޫ
ސަލާހު ބާސެލޯނާ އަށް ކުޅެން ޖެހޭ: އެޓޫ

ދޯހާ (ޖޫން 25) – ލިވަޕޫލުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ބާސެލޯނާ އަށް ކުޅެން ޖެހޭ ކަމަށް އެ ޓީމުގެ ކުރީގެ ފޯވާޑް ކެމަރޫންގެ ސެމުއެލް އެޓޫ ބުނެފި އެވެ.

ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު ބާސެލޯނާ އަށް ބަދަލުވި އެޓޫ ބުނީ ބާސެލޯނާގެ ކުޅުމުގެ ސްޓައިލާ ސަލާގެ ސްޓައިލް ގުޅި އޭނާ އެ ކްލަބުގައި ތަފާތު ދައްކާނެ ކަމަށެވެ.

"އެފްރިކާ ދޫކޮށްލުމުގެ ފުރުސަތު އަހަންނަށް ހޯދައިދިނީ ރެއާލް މެޑްރިޑުން. އެކަމަކު ވެސް އަހަންނަށް އެނގޭ ބާސެލޯނާގެ ސްޓައިލް އަދި އަހަރެން ދެކޭ ގޮތުގައި އެ ސްޓައިލް ސަލާހަށް އެންމެ ކަމުދާނީ،" އެޓޫ ބުންޏެވެ.

ޗެލްސީއާ އެކު ޕްރިމިއާ ލީގު ކެރިއަރު ފެށި ސަލާ އެ ކްލަބުގައި ފްލޮޕްވީ ނަމަވެސް އިޓާލިއަން ލީގަށް ބަދަލުވެ ރޯމާ އާއި ފިއޮރެންޓީނާގައި ތަފާތު ދެއްކީ އެވެ. އެއާ އެކު މީގެ ދެ އަހަރު ކުރިން ލިވަޕޫލާ ގުޅި އަލުން ޕްރިމިއާ ލީގަށް ބަދަލުވެ އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ސީޒަނުގައި އޭނާ ވަނީ ލިވަޕޫލާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

"ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އަށް ވުމުގެ ހުރިހާ ކަމެއް ސަލާގެ ކިބައިގައި ފުރިހަމަ. ދުނިޔޭގެ އެންމެ ވަރުގަދަ ލީގުގައި ކުޅެން އޭނާ އަށް ފުރުސަތު ލިބިއްޖެ ނަމަ އޭނާ ސޮއިކުރަން ޖެހޭނީ ބާސެލޯނާ އަށް،" އެޓޫ ބުންޏެވެ.