08 ސެޕްޓެމްބަރ 2016 - 12:38

ވަކީލު ކަމުގެ ހުއްދަ ދިނުން ލަސްވާތީ ޝަކުވާ ބޮޑުވެފައި ވަނިކޮށް 132 މީހަކަށް ވަކީލު ކަމުގެ ހުއްދަ ދޭން ނިންމައި، އެ މީހުން ހުވާކުރުން އަންނަ މަހު ބާއްވާ ގޮތަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހަމަޖައްސައިފި އެވެ.
ވަކީލުކަމުގެ ހުއްދަ ދިނުން އެޓާނީ ޖެނެރަލްގެ އޮފީހުން ކުރަމުން ދަނިކޮށް އެ މަސައްކަތް ޑީޖޭއޭގެ ބެލުމުގެ ދަށަށް މިދިޔަ އަހަރު ގެންދިޔަ ފަހުން ވަކީލު ކަމުގެ ހުއްދަ އެއްވެސް ބަޔަކަށް ދޫނުކުރާތީ، ވަކީލު ކަމުގެ ހުއްދައަށް އެދިފައިވާ ފަރާތްތަކުން އަންނަނީ ޝަކުވާ ކުރަމުންނެވެ.
ޑީޖޭއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަކީލު ކަމުގެ ހުއްދައަށް އެދުނު 160 މީހުންގެ ތެރެއިން 132 މީހަކަށް ހުއްދަ ދޭން ނިންމައި، އަންނަ މަހުގެ ފަސް ވަނަ ދުވަހު ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވާ ކަމަށެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުން ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކުރި 132 މީހަކަށް ވަކީލު ކަމުގެ ހުއްދަ ދޭން ނިންމާފައިވާއިރު ބާކީ ތިބި މީހުންގެ ތެރެއިން ދެ މީހަކު ހުށަހެޅި ޑިގްރީ ސެޓްފިކެޓް ބަލައިނުގަނެވޭތީ އެ މީހުންނަށް ހުއްދަ ނުދޭން ވަނީ ނިންމަައިފަ އެވެ. ބާކީ ތިބި 26 މީހުންނަށް ހުއްދަ ދޭނީ އިތުރަށް ދިިރާސާ ކުރުމަށް ފަހު ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
ވަކީލުކަމުގެ ހުއްދަ ދޭން ނިންމަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބަންޑާރަ ނައިބު ހިމެނިވަޑައިގަންނަވާ ކޮމެޓީއަކުންނެވެ.
ވަކީލު ކަމުގެ ހުއްދަ ދެނީ ގާނޫނީ ދާއިރާއިން ނުވަތަ އިސްލާމީ ޝަރީއާގެ ދާއިރާއިން ޑިގްރީއެއް އޮންނަ ފަރާތްތަކަށެވެ.
ވަކީލުކަމުގެ ހުއްދަ ލިބުނަސް އެ ވަކީލުންނަށް ފުރަތަމަ ވަކާލާތު ކުރެވޭނީ ދަށު މަރުހަލާގެ ކޯޓުތަކުގައި އެކަންޏެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެވޭނީ ވަކީލު ކަމުގައި ވަކި މުއްދަތެއް ހޭދަ ކުރުމުންނެވެ.